މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދާ ފަރާތަކީ ޏ. ފުވައްމުލައް، ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ސާމީ ޢަބްދުލްޙަމީދުގެ އެއްވެސް ޚަބަރެއް ލިބިފައިނުވަނީ 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ ގެއްލިފައިވާކަން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހުގެ ހަވީރު 18:16 ގައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު، ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، މިވަގުތު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ވަނީ ނުފެނިއެވެ.
ފުލުހުން ވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން ސާމީ ޢަބްދުލްޙަމީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ.
މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފުލުހުން ފާހަގަކުރެއެވެ. އަދި މިފަދަ މައްސަލަތަކުގައި ލިބޭ މައުލޫމާތުތައް ވީހާވެސް އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް އާންމުންނަށް ގޮވާލައިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!