ހދ. ކުޅުދުއްފުށީ ސިޓީގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ "ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތް 2025" ގެ ގުރުވަތު ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ބެޑްމިންޓަން އެރީނާގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

Ad
rt

އެގޮތުން މިއަދު ބޭއްވި ގުރުވަތު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ މުޅި ޖުމްލަ 5 ކެޓަގަރީއަކަށް މި މުބާރާތުގައި ކުޅެވޭގޮތަށް ގުރުވަތު ނަގާފައެވެ. މީގެ ތެރެއިން 34 އަންހެން ކުޅުންތެރިންނާއި 54 ފިރިހެން ކުޅުންތެރިން ހިމެނޭގޮތަށް ޖުމްލަ 88 ކުޅުންތެރިން ވަނީ މިއަހަރު މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގައި ޖުމްލަ 6 ވަނަ އެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ސިންގަލްސް/ އަންހެން އަދި ފިރިހެން 1 ވަނަ އަށާއި ޑަބަލްސް އަންހެން އަދި ފިރިހެން 1 ވަނައިގެ އިތުރުން މިކްސް ޑަބަލްސް 1 ވަނަ އަށް ވަނީ ޓްރޮފީ އަދި މެޑަލް ދިނުމަށް ހަމަޖެހިފައެވެ.

މީގެ އިތުރުން ސިންގަލްސް އަންހެން އަދި ފިރިހެން 2 ވަނަ އަށާއި، ޑަބަލްސް އަންހެން އަދި ފިރިހެން 2 ވަނަ ކެޓަގަރީގެ އިތުރުން މިކްސް ޑަބަލްސް 2 ވަނަ އަށް ދިނުމަށް ހަމަޖެހިފަވަނީ މެޑަލް އެކަންޏެވެ.

މިއަދު ބޭއްވި މި ގުރުވަތު ނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ބައެއް ކުޅުންތެރިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނާއި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.