ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ފީވަކާއެކު 6 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ.
މި މަޝްރޫޢުގެ ދަށުން ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ލ. މާވަށް، މ. މުލި، ރ. މަޑުއްވަރި، ށ. ފީވަކް، ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން މ. މުލި އަދި ތ. ވޭމަންޑޫގެ މަޝްރޫޢުތަކަށް 212,500 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭއިރު، އެހެން ރަށްތަކުގެ މަޝްރޫޢުތަކަށް 72,250 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހެއެވެ.
މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުން ކަމަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ކޮންމެ ބީލަމަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.
މި މަޝްރޫޢުތަކަށް ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ކަމަށާއި، ބިޑުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ބިޑުތައް ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު މަޝްރޫޢުތަކެކެވެ.
މިއަހަރުގެ މާރޗް މަހުގެ ތެރޭގައި، ސަރުކާރުންވަނީ 75 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅަކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން، ފުލުހުންގެ ޢިމާރަތްތައް އެޅުމަށް ޙަވާލުކުރައްވާފައިވަނީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރެޝަނާއެވެ.
އެގޮތުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ ޢިމާރާތް ތަރައްޤީކުރުމަށް އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ.
އޭގެތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގަިއ ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުން ހިމެނެއެވެ. އަދި އެ މަޝްރޫޢުތަކުގެ ތެރޭގައި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤިކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!