ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު 31 ރަަށެއް އިއުލާންކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގައި ފަތުރުވެރިކަމަށް ރަށްތައް ތަރައްގީކުރުމަށެވެ. އެ ރަށްތަކުގެ އަގުތައްވެސް ވަނީ މީގެކުރިން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ކުޑަކޮށްފައެވެ.

Ad
rt

ޓޫރިޒަމް މިނިސްޓްރީން ބުނީ އޯޕަން ބިޑިން އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތަކާއި ފަޅުތަކާއި ބިމުގެ ކުއްޔާ ބެހޭ ގަވައިދުގެ ދަށުން އެތަންތަނުގެ ލީޒް އެކުޒިޝަންގެ ހެކްޓަރަކަށް ކަނޑައަޅާފައިވާ ރޭޓުތައް ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން 30 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ ލުއިތަކެއް ވަނީ ދީފައެވެ.

ކްލޯޒް ބިޑިންގެ ދަށުން ދީފައިވާ ލުއިތަކުގެ ތެރޭގައި ތ އަތޮޅުގެ ރަށްރަށަށް ލޮކޭޝަން ޕްރިމިއަމް އުނިކުރުމާއި ހއ، ހދ ،ށ، ތ އަދި އައްޑު އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުން ހިމެނެއެވެ. އަދި ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރިމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުމާއި ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 އިންސައްތައަށް ކުޑަކުރުންވެސް ހިމެެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ކްރޮސް ސަބްސިޑީ އުސޫލުން ރަށްތަކާއި ފަޅުތައް ދޫކުރާ އިރު 20 އާއި 40 އާ ދެމެދުގެ ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް އުނިކޮށްފައިވާ ކަމަށެވެ. އަދި ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް ދެ މިލިއަން ޑޮލަރުން އެއް މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އޯޕަން ބިޑިން އުސޫލުން އަދި ކްރޮސް ސަބްސިޑީ އުސޫލުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރަން ދޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވައިފި ނަމަ، އެ މުއްދަތުގައި ދައްކަން ޖެހޭ ކުލި ފަސްކޮށްދޭންވެސް ވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މާފު ކުރެވޭ އިންސަންތަވެސް 15 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އެ ލުއިތަކާއެކު ފަތުރުވެރިކަމަށް ތަރައްގީ ކުރަން ހުޅުވާލި އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާވެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ކްލޯޒް ބިޑިންގެ އުސޫލުން ހއ އަތޮޅުން 2 މަޝްރޫއު، ހދ އަތޮޅުން 5 މަޝްރޫއު، ތ އަތޮޅުން 3 މަޝްރޫއު، ލ އަތޮޅުން 2 މަޝްރޫއު ހުޅުވާލާފައެވެ. އަދި އޯޕަން ބިޑިންގެ އުސޫލުން ހއ އަތޮޅުން 3 މަޝްރޫއު، ހދ އަތޮޅުން 5 މަޝްރޫއު، ށ އަތޮޅުން 3 މަޝްރޫއު، ތ އަތޮޅުން 2 މަޝްރޫއު، އަދި ލ އަތޮޅުން އެއް މަޝްރޫއު ވަނީ ހުޅުވާލާފައެވެ.

އޯޕަން ބިޑިންގެ އުސޫލުން ދޫކުރާ ރަށްތަކުގެ އަގުތައް އުޅެނީ 1.5 މިލިއަން ޑޮލަރާއި 2.1 މިލިއަން ޑޮލަރާ ދެމެދުގައެވެ.