ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމްކުރުމުގެ އެއްވެސް މަޝްވަރާއެއް ދިވެހި ސަރުކާރުން ނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad
rt

ލަންކާގެ ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާއިރު، އެންމެ މުހިންމު އެއް މަޝްވަރާއަކަށް ވާނީ ދެ ގައުމުގެ މެދުގައި ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓު ޒޯނެއް ގާއިމްކުރުމާ ގުޅޭ މަޝްވަރާތައް ކަމަށެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، "އެއީ ރަނގަޅު ވާހަކައެއް ނޫން. އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއްވެސް ނޫން،" ކަމަށެވެ. މި ރިޕޯޓުތަކާ ގުޅިގެން ލަންކާ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ދިވެހި ސަރުކާރުން އިގްތިޞާދު ކުރިއަރުވަން އެކި މަސައްކަތްތައް ކުރަމުންދާއިރު، ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމަންޓެއް (އެފްޓީއޭ) ގާއިމްކޮށްފައި އޮތް ނަމަވެސް، އޭގެ މާބޮޑު ފައިދާތަކެއް އަދި ލިބިފައެއް ނުވެއެވެ. އަދި ޑިވެލޮޕްމަންޓް ބޭންކާއި، ބަންކަރިން ފަދަ މަސައްކަތްތަކެއް ފަށައިފައިވީ ނަމަވެސް، އޭގެ ނަތީޖާ އަދި ފެންނަން ނެތްކަން ފާހަގަކުރެވެއެވެ.

ލަންކާގެ ރައީސް އަނޫރާކުމާރަ ޑިސަނަޔަކަ އަންނަމަހުގެ ފަހުކޮޅު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ތަފާތު އެކި ދާއިރާތަކުން އެއްބަސްވުންތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، މި ކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ހާމަކުރައްވާފައެއް ނުވެއެވެ.