ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގައި ސްކޭމް އެވެއާނަސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ "ހއ. އަތޮޅު ސްކޭމެއްގައި ނުޖެހޭނެ" ގެ ނަމުގައި ޖޫން މަހުގެ 14 އިން 18 އަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ސްކޭމް ސެންޓަރާއި ހއ. އަތޮޅު ޕޮލިސް އަދި ހއ. އަތޮޅު ކައުންސިލު ގުޅިގެންނެވެ. ސެޝަންތަކުގައި މައުލޫމާތު ދެއްވާފައިވަނީ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދެވެ.
މި ސެޝަންތަކުގައި ރަށުގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުންނަށް ސްކޭމްގެ ޝިކާރައަކަށް ނުވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދީފައިވެއެވެ. މީގެ ތެރޭގައި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، ސްމާޓް ފޯނު، ޓެބްލެޓް އަދި ލެޕްޓޮޕް ފަދަ ޑިވައިސްތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝިޒްލީން ވިދާޅުވި ގޮތުގައި، ހއ. އަތޮޅަކީ އެންމެ ކުށްމަދު އަތޮޅަށް ހެދުމަށްޓަކައި މިފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ އެއްބާރުލުމާއެކުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ފަރާތުން މިފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަކީ ސްކޭމްގެ މައްސަލަތަކުން ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުން ރައްކާތެރިކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!