އިސްރާއީލާއި އީރާނުން އެއްވަގުތެއްގައި އޭނާގެ ކިބައިން ސުލްޙަ އެދިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިސްރޭލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ހޯމަ ދުވަހު އާދެވިފައިވާކަމަށް ޓްރަމްޕް ވަނީ ރޭ ޢިއުލާން ކުރަށްވާފައެވެ. އެ ޢިއުލާނުކޮށްފައި ވަނިކޮށް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. އަދި ރައްދުގައި އީރާނުން މިހާރު ވަނީ އިސްރާއީލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައެވެ.
އޭގެފަހުނ އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލާއި އީރާނުގެ މެދުގައި އޭނާ މެދުވެރިވެގެން ހޯދައިދިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ ސަރަޙައްދަށާއި މުޅި ދުނިޔެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
"އިސްރާއީލާއި އީރާނުން އަހަރެންގެ ގާތަށް އައީ ހަމަ އެއްވަގުތެއްގައި ހެން. އެމީހުން ބުނީ 'ސުލްޙަ!' އެވަގުތު އަހަރެންނަށް އެނގުނު މިހާރު އެކަން ކުރަން ޖެހޭކަން. މުޅި ދުނިޔެއާއި މެދުއިރުމަތި މިކަމުގެ އަސްލު ކާމިޔާބު ހޯދާނެ ފަރާތްތަކަކީ. ދެ ޤައުމަށްވެސް އެމީހުންގެ މުސްތަޤުބަލުގައި ފެންނާނީ ވަރަށް ބޮޑު ލޯތްބާއި، ސުލްޙައާއި، ފާގަތިކަން،" ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.
"އެމީހުންނަށް ވަރަށް ގިނަ ކަންތައްތަކެއް ލިބިގަނެވޭނެ. އަދި ހަމަ އެހާމެ ގިނަ ކަންތައްތަކެއް ގެއްލިގެންދާނެ އެމީހުން ތެދުވެރިކަމާއި ޙައްޤުގެ މަގުން އެއްކިބާވެއްޖެނަމަ. އިސްރާއީލާއި އީރާނުގެ މުސްތަޤުބަލަކީ އިންތިހާއަށް ފުރިހަމަ، އަދި ވަރަށް ބޮޑު އުއްމީދުތަކެއް އޮތް މުސްތަޤުބަލެއް." ޓްރަމްޕް އިތުރަށް ވިދާޅުވެފަވެއެވެ.
ނަމަވެސް މި އެއްބަސްވުމާއި އިސްރާއީލުން ޚިލާފްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ހަނގުރާމަ ފަށާފައި ވަނީ އިސްރާއީލުންނެވެ. ދިފާއުގައި އީރާނުން ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!