ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ.
ކޭއާރުއެޗުން މިއަދު އާންމު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖޫން 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުށެވެ.
އަދި މި އިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ހޮސްޕިޓަލުން އިޢުލާނުގައާއި ގެޒެޓް ގައި އާންމުކުރެވިފައިވާނެކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި ކަމަށްވެސް ކޭއާރުއެޗުން ބުނެފައިވެއެވެ.
މީގެ އިތުރުން، ކޭއާރުއެޗުން ވަނީ މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 08 ޖުލައި 2025 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގެ ކުރިން tender@health.gov.mv އަށް މެއިލްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ކުޅުދުއްފުށީގެ އިތުރުން އެ ސަރަހައްދުގެ އެހެން އަތޮޅުތަކުންވެސް ޚިދުމަތް ހޯދަމުން އަންނަ ޑިމާންޑް ބޮޑު ހޮސްޕިޓަލެކެވެ. އަލަށް ތައާރަފް ކުރެވުނު ގިނަ ޚިދުމަތް ތަކާއެކު ހޮސްޕިޓަލުގެ ސިއްޙީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާއިރު، ހޮސްޕިޓަލް ގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ގިނަ ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!