ރާއްޖޭގައި ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސްމިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

Ad
rt

މިގޮތުން ރައީސް ވަނީ މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ހަމަޖައްސަވާފައެވެ.

ރައީސް ނެރުއްވި ދެންނެވުމުގައިވާގޮތުން ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސް ހަމަޖެއްސެވީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ އެދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަސް ކަމުގައި ވާތީ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކަމުގައިވެސް ރައީސް ވަނީ ހަމަޖައްސަވާފައެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކޮށްފައި ވަނީ ރައީސް މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.