މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއް މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ނުޖެެއްސިގެން އެނބުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
މިއަދު ހެނދުނު 8:30 އެހާކަށް ހާއިރު މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރުމަށްފަހު އެނބުރި މާލެ އައީ ދެ ގަޑިއެއްހާ އިރު މަތީގައި ހޭދަކުރުމަށްފަހުއެވެ.
މި ބޯޓު ކުޅުދުއްފުއްޓަށް ޖައްސަން އޮތީ ހެނދުނު 9:20 ގައެވެ. އާންމުކޮށް މާލެ - ކުޅުދުއްފުށި ސެކްޓަރ އަށް ކުރާ ވައިގެ ދަތުރުގެ ދިގު މިނަކީ 40-45 މިނެޓެވެ. ނަމަވެސް މިއަދު މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި އެ ބޯޓު އެނބުރި މާލެ އައީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި، ގުގުރައި ވައިގަދަވާނެ ކަމަށް ލަފާކޮށް، ކުޅުދުއްފުށި ހިމެނޭހެން އުތުރުގެ ސަރަހައްދުތައްކަށާއި ޅ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 11:45 އިން ހަވީރު 4:00 ނިޔަލަށް ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ވައިޖެހޭނީ އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!