1446 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު މެންދުރު ވަނީ ރާއްޖެ އައިސްފައެވެ.
މި ފުރަތަމަ ގުރޫޕު ރާއްޖެ އައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. މިގޮތުން ދެވަނަ ގުރޫޕު ޖުލައި 14 ވަނަ ދުވަހު އަންނާނެ ކަމަށާއި، ތިންވަނަ ގުރޫޕު ޖުލައި 16 ވަނަ ދުވަހު އަދި އެންމެ ފަހު ގުރޫޕު ޖުލައި 17 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ވުޒާރާއިން ބުނެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޙައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ހައްޖުވެރިން ބަލާ އެއާޕޯޓަށްދާއިރު ކުޑަކުދިން ނުގެންދިޔުމަށް ވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.
މިއަހަރު ވަނީ ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ފަސޭހަ ޚިދުމަތްތައް ލިބިދީފައިވާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަ ކުރުމަށް ސަޢުދީ ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ. ދިވެހިރާއްޖެ މި އިނީޝިއޭޓިވްގައި ހިމެނުމަށް ނިންމާފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިރުޝާދުފުޅާއެކު، ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށްގެންނެވެ.
މީގެ އިތުރުން ދިވެހި ޙައްޖުވެރިންނަށް މިނާ އަދި ޢަރަފާތުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ލިބިދިނުމާއި، މައްކާއިން މަދީނާ އަށް ކުރާ ދަތުރު ހައި ސްޕީޑް ޓްރެއިންގައި ކުރާ ގޮތަށް ހަމަޖެއްސުމާއި އަދި މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ދިވެހި ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ދިވެހި ހައްޖުވެރިންނަށް ޚާއްޞަ ކްލިނިކެއްގެ ޚިދުމަތް ދިނުންފަދަ އައު ލުއިފަސޭހަ ޚިދުމަތްތައް މި އަހަރު ވަނީ ތަޢާރުފްކޮށްފައެވެ.
އެހެންވެ، މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެއްގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މިއަހަރު ވެސް ރާއްޖެއިން ހައްޖަށް ދިޔައީ 1000 ހައްޖާޖީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!