މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤްޞަދުގައި އެ ކޯޕަރޭޝަންގެ ނަމުގައި ދިވެހި އާންމު ރައްޔިތުންގެ ފޯނުތަކަށް މެސެޖްތަކެއް ފޮނުވަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ad
rt

"މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކުރާނެ. އަދި އެ ކޯޕަރޭޝަންގެ ފަރާތުން އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖްކޮށް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާކަށް ނާންގާނެ،" ކޯޕަރޭޝަނުން ބުންޏެވެ.

އިތުރަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ޖަމާކުރުމަށް އަންގާނީ ހަމައެކަނި އެ ކޯޕަރޭޝަންގެ ނަމުގައި ހެދިފައިވާ ރަސްމީ އެކައުންޓުތަކަށް ކަމަށެވެ.

އެހެންވެ، ހައްޖު ކޯޕަރޭޝަނުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ، މިފަދަ އޮޅުވާލައިގެން ފައިސާ ހޯދަން ކުރާ މެސެޖްތަކާއި ފޮނުވާ ލިންކްތަކަށް ސަމާލުވެ، އެފަދަ ލިންކްތަކަށް ނުފިތުމަށެވެ. އަދި މިފަދަ މެސެޖެއް ނުވަތަ ކޯލެއް އައިސްފިނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށެވެ.

ރާއްޖޭގައި އެކި ކަހަލަ ސްކޭމްތައް ހިންގުން ފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމާއި ހޭލުންތެރިކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.