ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހއ.އަތޮޅު ރަށްތަކަށް ހުޅުވާލައިގެން، ހޯރަފުށީގައި ބޭއްވި "ތިލައުތުރު އަންހެން ވޮލީ މުބާރާތް 2025" ގެ ތަށި މުރައިދޫއިން ދިފާއުކޮށްފިއެވެ.
ރޭ ހޯރަފުށީ ވޮލީ ކޯޓްގައި ކުޅުނު ފައިނަލު މެޗުގައި ބައްދަލުކުރީ މުރައިދޫއާއި އިހަވަންދޫއެވެ. މުރައިދޫއިން ފައިނަލު މެޗު ކާމިޔާބު ކޮށްފައި ވަނީ 3 ސެޓް 1 ސެޓުންނެވެ.
މިއީ މި މުބާރާތުގެ ބޭއްވި ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް މިދިޔަ އަހަރު ބާއްވާފައި ވަނީ މުރައިދޫގައެވެ. އެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުރައިދޫއިންނެވެ. މި ދެ މުބާރާތުގައި ވެސް މުރައިދޫ ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. މި އަހަރު މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް އެ ޓީމުން ފަސޭހަކަމާއިއެކު ކާމިޔާބުކުރިއިރު އެ ޓީމް އަތުން ގެއްލިފައި ވަނީ އެންމެ ސެޓެކެވެ. އެއީ ރޭގެ ފައިނަލު މެޗުގައި އިހަވަންދޫއިން މުރައިދޫގެ މައްޗަށް ކުރި ހޯދި ސެޓް އެކަންޏެވެ.
މުބާރާތުގެ ވަނަތަކަށް ބަލައިލާއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ހޯރަފުއްޓެވެ. މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށް މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 17 ސުހާ އަބުދުލް ގައްޔޫމް ހޮވުނުއިރު، އެންމެ މޮޅު ލިބަރޯއަށް ހޮވުނީ މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 23 އައިޝަތު ޝަމްނާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މުރައިދޫ ޓީމްގެ ކޯޗް ހުސައިން ވިސާލް އެވެ.
މުބާރާތުގެ ޑްރީމް ޓީމް
ސުވައިބަތު ހުސައިން - މުރައިދޫ
އައިޝަތު ޝަބާނާ - އިހަވަންދޫ
ސަމީނަތު ހުސައިން - މުރައިދޫ
މަރިޔަމް ޝަހާ - ހޯރަފުށި
ފާތިމަތު ނުހާ - މުރައިދޫ
ރުގިއްޔަތު ޝަރޫނާ - އިހަވަންދޫ
މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިޔާއަށް ހޮވުނު މުރައިދޫ ޓީމްގެ ޖާޒީނަންބަރު 18، ސުވައިބަތު ހުސައިން އެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 5 ރަށަކުން ވާދަކުރިއެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 70000 ރުފިޔާގެ ގެ ފައިސާގެ އިނާމެއް ވަނީ ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!