މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހު މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ވަނީ މިއަދު އެކަން ހާމަކޮށްފައެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހްގެ ދަރިކަނބަލުން މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ މިއަދު ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)އެވެ. އެމްޔޫ މަނިކު ވަނީ މިދިޔަ ޖަނަވަރީ މަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އައިޝާ ނޫރައިން ޖަނާހަކީ ކުރިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހުއެވެ. ނޫރްޢައިން މަގާމަށް އައްޔަނު ކުރީ ޑިސެންބަރު 27، 2023 ގައެވެ.
ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކުރައްވައިފަ އެވެ. އޭނާ އަކީ ނިއުޒިލެންޑްގެ އިތުރުން ދުނިޔޭގައި ވެސް މަޝްހޫރުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!