ހއ. ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީން މިއަދު އާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، މިސްކިތް އިމާރާތުގެ ރޫފް ބީމްތަކާއި ނަމާދުކުރާ ސަރަހައްދުގެ ތިންވަނަ ފަންގިފިލާގެ ސްލެބްގެ ޝަޓަރިންގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ވުޟޫކުރާ ސަރަޙައްދުގެ ކޮންކްރީޓް މަސައްކަތްވެސް މިހާރު ވަނީ ނިންމާލެވިފައެވެ.
2023 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތެއް ބިނާކުރެވޭނެއެވެ. އަދި މި މިސްކިތުގައި ވުޟޫކުރެވޭނެ ދެ ސަރަޙައްދެއް ހިމެނޭނެއެވެ.
މި މަޝްރޫޢުގެ ދަށުން މިސްކިތުގެ ގޯތިތެރޭގައި ތަޅުން އެޅުމުގެ މަސައްކަތާއި މިސްކިތު ގޯތީގެ ވަށާފާރު ލުމުގެ މަސައްކަތްވެސް ހިމެނެއެވެ. ސަރުކާރުން މި މިސްކިތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 11.21 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!