ރެޑްވޭވް ޕްލާޒާއިން 14 ރުފިޔާގެ ޗޮކުލެޓެއް ވަގަށް ނަގައި ކެއުމުގެ މައްސަލައިގައި ހދ. ހަނިމާދޫ، ޝުރައިޚު ޝަރީފް (37 އަހަރު) 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއީ މީގެ ކުރިންވެސް ހޮޓާތަކުން ކައިގެން ބިލު ނުދައްކައި ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވެއެވެ.

Ad
d

މި މައްސަލައިގައި ޝުރައިޚު ވަނީ ރެޑްވޭވް ޕްލާޒާއަށް ވަދެ، "ސްކިނާ" ބްރޭންޑުގެ 50 ގްރާމްގެ ޗޮކުލެޓެއް ވަގަށް ނަގައި، އެ ކާލުމަށްފަހު އޭގެ ކަރުދާސްގަނޑު ޖީބަށް ލައިފައެވެ. މި މަންޒަރު ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެނުމާ ގުޅިގެން ފިހާރައިގެ މުވައްޒަފުން ވަނީ އޭނާ ހުއްޓުވައި، ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައެވެ.

މީސްމީޑިއާގައި ހިއްސާކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޝުރައިޚަކީ މީގެ ކުރިންވެސް ހޮޓާ އަދި ކެފޭތަކުން ކައިގެން ބިލު ނުދައްކައި ފިލައިގެން އުޅޭ މީހެކެވެ. އޭގެ ތެރޭގައި ހާބަރު ފުޑްކޯޓުގައި ހުންނަ ސައުތު ކެފޭއިންނާއި މާރުކޭޓު ހޮޓަލުން 7 ފަހަރެއްގެ މަތިން ކައިގެން ބިލު ނުދައްކައި ފިލަން އުޅެނިކޮށް، އެތަންތަނުގެ މުވައްޒަފުން އޭނާ ހުއްޓުވި މައްސަލަ ވެސް ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ޝުރައިޚަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި، މި އަހަރު ތެރޭގައިވެސް ތިން ފަހަރެއްގެ މަތިން ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހެކެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައްވެސް ހިމެނެއެވެ.

Ad
df

މި މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމީ، ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ. މައްސަލައިގެ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކުށުގެ ވެށްޓަށް ހާޒިރުވި ފުލުހުންގެ ހާދިސާ ރިޕޯޓެވެ.