ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ 100000 (އެއްލައްކަ) ރުފިޔާގެ ފަންޑް މިއަހަރު ލިބޭ ދެ ޖަމިއްޔާ ހޮވައިފިއެވެ.

މިގޮތުން ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބި ގްރާންޓް ކާމިޔާބުކޮށްފައި ވަނީ ށ. ފޯކައިދޫ "ބްލަޑް ބްރަދާރސް" އާއި ށ. ނަރުދޫ "ރަމްޒު ސްޕޯޓްސް އެކަޑަމީ" އިންނެވެ.

Ad
mooomoo 1

މީގެ ތެރެއިން 67 ޕޮއިންޓާއެކު ޖަމިއްޔާ ގްރާންޓް ކާމިޔާބުކޮށްފައިވާ ފޯކައިދޫ "ބްލަޑް ބްރަދަރސް" އިން ހުށަހަޅާފައިވާ ޕްރޮޕޯސަލް އަކީ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ، އިޖުތިމާއީ މަޢުލޫމާތު ހިމެނޭ ދިއްލޭ ބޯޑު ހަރުކުރުމަށެވެ.

އަދި އެންމެ މަތިން 73 ޕޮއިންޓް ހޯދައިގެން ޖަމިއްޔާ ގްރާންޓް ކާމިޔާބުކޮށްފައިވާ ނަރުދޫ "ރަމްޒު ސްޕޯޓްސް އެކަޑަމީ" އިން ހުށަހަޅާފައިވަނީ ރަށުގެ ރިންގް ރޯޑް އަދި އަލަށް ހެދިފައިވާ މަގުތަކާއި ރަށުގެ ޤަބުރުސްތާނުގައި ސޯލާ މަގުބައްތި ޖެހުމަށެވެ.

އަތޮޅު ކައުންސިލުން މީގެން ކޮންމެ ޖަމިއްޔާއަކަށް 100،000 (އެއްލައްކަ ރުފިޔާ) ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ގްރާންޓްގެ ދަށުން ށ.އަތޮޅު ކައުންސިލުން މިދިޔަ އަހަރު ވަނީ ތިން ޖަމިއްޔާއަކަށް އެހީ ދީފައެވެ. އެއީ ތާނަ އައިލެންޑް މޮނިއުމެންޓް ތައްޔާރުކުރުމަށް ބުލޫ ގިލްޑް/ ކަނޑިތީމް އަށް ދިން އެހީ އާއި، އޮފީސް އިމާރާތް އަދި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުމަށް ޅައިމަގު އެކުވެރިންގެ ރޫހް އަދި ތިމާވެއްޓާއި ރައްޓެހި ބާބަކިއު އޭރިއާއެއް ތަރައްގީ ކުރުމަށް ޔުނިޓީ ސްޕޯޓްސް އެކަޑަމީ/ ފުނަދޫ އަށް ދިން އެހީ އެވެ.

ށ. އަތޮޅު ކައުންސިލުން އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސްް މި ގްރާންޓް ދޫކުރަމުންނެވެ.

ށ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރުވެރިކުރުމާއި، އިޖްތިމާޢީ ތަރައްޤީއާއި އިޖްތިމާއީ ރޫޙް އަލާކޮށް ދިރުވުމަށް ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ad
df