ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެއެވެ.

973 ކުދިން ބައިވެރިވި ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ.

Ad
rt

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި ޑީއެމްޑީ ޔާމީން ވަނީ ޕީއެސްއެމުން ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ މަޝްވަރާތައް އިސްލާމިކް މިނިސްޓްރީއާއިއެކު މިހާރު ކުރިއަށް ގެންދަވާކަމަށް ވަނީ ވިދާޅުވެފައެެވެ.

ޔާމީން ވިދާޅުވިގޮތުގައި މި މަޝްވަރާތަކާއެކު އެ މުބާރާތަށް ރަޖިސްޓަރީވުމަށް މިއަހަރުގެ ތެރޭގައި ހުޅުވާލެވޭނެއެވެ.

''ބައިނަލްއަގްވާމީ ޤުރްއާން މުބާރާތަކަށް ޕީއެސްއެމް ދަނީ ތައްޔާރުވަމުންނޭ، އެއީ މެދުކެނޑިފައި އޮތް އަލް ނޫރުލް މުބީން، މި ޤުރްއާން މުބާރާތް ފެށުމުގެ މަސައްކަތްތަކޭ، އިސްލާމިކް މިނިސްޓްރީ އާއި އެކު މިހާރު ކުރިއަށްދާ މަޝްވަރާތަކާއެކު އަޅުގަނޑުމެންނަށް އެ މުބާރާތަށް ތައްޔާރުވެވި އެ މުބާރާތަށް ރަޖިސްޓަރީވުމަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހުޅުވާލެވިގެންދާނެ'' ޔާމީން ވިދާޅުވެފަވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރުކަމާއި، ބައެއް އަމިއްލަ ޓީޗީ ޗެނަލްތައް ވުޖޫދުކުރެއްވުމުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ ޔާމީންގެ ވާހަކާގައި ވަނީ ޕީއެސްއެމްގެ ކޮންޓެންޓްގައި ކީރި ޤުރްއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދު މަގުން ޤުރްއާން ރީތިކޮށް ކިޔެވުމަށް ދަސްކޮށް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަކަމަށް ފާހަގަކުރަށްވާފައެވެ.

ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކެވެ.