ރާއްޖޭގައި އޮންނާނީ ރައްޔިތުން ހޮވާ މީހުން ތިބެގެން ހިންގާ ނިޒާމުކަމަށާއި، އަތޮޅު ކައުންސިލް ކިޔާފައި ކައުންސިލެއް ބާއްވަން ފެނިވަޑައިނުގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ވިދާޅުވީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނައިރު އަތޮޅު ކައުންސިލްތައް އުވާލުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

Ad
rt

"ކުރީގައި އޮތް ނިޒާމު ދެން ރާއްޖެއަކަށް ނުގެންނާނެ. ރާއްޖޭގައި މިހާރު އޮންނާނީ ހަމަ ރައްޔިތުން ހޮވާ މީހުން ތިބެގެން، ވެރިން ތިބެގެން ހިންގާ ނިޒާމު," ރައީސް ވިދާޅުވިއެވެ.

މިހާރު އޮންނަ ގޮތުން އަތޮޅު ކައުންސިލްގެ ރައީސަކު ހޮވާފައި، ހުރިހާ ރަށެއްގެ ރަށު ކައުންސިލް ރައީސުން އަތޮޅު ކައުންސިލަށް އަންނަ ކަމަށާއި، މިގޮތުން އަތޮޅުގެ މަޞްލަޙަތަށްވުރެ ރަށުގެ މަޞްލަޙަތު އިސްވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

''ދެން އެހެންނަމަވެސް، އަތޮޅު ހިންގަން އަނެއްކާ ވަކި ކައުންސިލެއް. މިހާރު މި އޮންނަނީ އަތޮޅު ކައުންސިލްގެ ރައީސަކު ހޮވާފައި، ހުރިހާ ރަށެއްގެ ރަށު ކައުންސިލް ރައީސުން އަތޮޅު ކައުންސިލަށް އަންނަ ގޮތަށް. ދެން މިއީ ކައުންސިލް. އަތޮޅުގެ ކައުންސިލް. ދެން މީގައި މިވާގޮތަކީ، އަތޮޅު ކަމެއްގައި މަޝްވަރާ ކުރަން ބައްދަލުކުރިޔަސް، އެ ރަށެއްގެ މަޞްލަޙަތު، އެ ރަށެއްގެ ކައުންސިލް ރައީސަށް މި އިސްކުރެވެނީ. އެހެންތާވާނީ، އޭނައަކީ ވަކި ރަށެއްގެ ކައުންސިލް ރައީސް. މުޅި އަތޮޅާ ބެހޭގޮތުން ވާހަކަ ދެއްކޭވަރު، އޮބްޖެކްޓިވްލީ ވަކިއަތަކަށް ނުޖެހި ދެއްކޭވަރު ކުޑަ.'' ރައީސް ވިދާޅިއެވެ.

ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ބައްދަލުވުންތައް ގިނަފަހަރަށް ބޭއްވެނީ އޮންލައިންކޮށްކަމަށާއި، އަތޮޅު ކައުންސިލްތަކާއި ގުޅިގެން ވަރަށް ނެގެޓިވްކަންކަން ފާހަގަކުރެއްވޭކަމަށެވެ.

''ގިނަފަހަރަށް ބައްދަލުވުންތައް ބޭއްވެނީ އޮންލައިންކޮށް. އެއް ތަނަކަށް ނާދެވޭ. ދެން ވަރަށްގިނަ ނެގެޓިވް ކަންތައް އެބަހުރި. ޚަރަދުގެ ގޮތްގޮތުން ބެލިޔަސް. ދެންމެ ތި ވިދާޅުވި ކަންތައްތައްވެސް އެބަހުރި، ބައެއް ދިމަދިމާއިގައި އިނގޭތޯ. ތި މައްސަލަ އެބަ ދިމާވޭ. ދެން މި ހުރިހާ ގޮތަކުން ބަލާއިރުވެސް، އަތޮޅު ކައުންސިލްތައް ނޯންނަގޮތަށް ހަދަން އަޅުގަނޑުމެން މި ހުށަހަޅަނީ.'' ރައީސް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ދެމެހެއްޓުމަށާއި، އާބާދީގެ ނިސްބަތުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކުރުމަކީ ރައީސްގެ ވިސްނުންފުޅެވެ. މިގޮތުން 2000 އަށްވުރެ އާބާދީ ކުޑަ ރަށްރަށުގައި 3 ކައުންސިލަރުންނާއި، 2000 އަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި 5 ކައުންސިލަރުން ތިބުމަށް ހުށަހަޅުއްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔޫ.ޑީ.ސީ.) ތަކުގެ މެންބަރުންގެ އަދަދުވެސް 3 ނުވަތަ 5 އަށް ކުޑަކުރުމަށާއި، ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސާއަކީ ރަށު ކައުންސިލްގެ ރައީސް ނުވަތަ ރައީސާގެ ގޮތުގައި ސީދާ އިންތިޚާބުކުރާ މީހަކަށް ހެދުމަށްވެސް ހުށަހަޅުއްވަން ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.