ކުޅުދުއްފުށި ސިޓީ ކައުންސިލުން، އިސްލާމީ ކަންތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ.
އަންގާރަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ވަޒީރުގެ އަރިހުން އެދިފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގޮތްޕެއް ކުޅުދުއްފުށީގައި ޤާއިމްކޮށްދެއްވުމަށާއި، ރަށުގެ މިސްކިތްތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލުގެ ބަޖެޓުން ކުރަންޖެހޭ ބޮޑު ހޭދައަށް ރިއާޔަތްކޮށް މިނިސްޓްރީގެ ފަރާތުން އެކަމަށް އިތުރަށް އެހީވެދެއްވުމަށް އެދިފައިވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ، ކުޅުދުއްފުށީގައި މިސްކިތު ޓްރަސްޓް ފަންޑެއް ޤާއިމްކުރުމަށް ސިޓީ ކައުންސިލުން ކުރި މަސައްކަތް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބުމުގެ ސަބަބުން މަޑުޖެހިފައިވާ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިފައިވާކަމަށެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ސިޓީ ކައުންސިލުގެ ބައެއް މެމްބަރުން ވަނީ މި ހަފްތާ ރަސްމީ ދަތުރުފުޅެއްގައި މާލެ ވަޑައިގަންނަވާ، ސަރުކާރުގެ އެކީ ވުޒާރާތަކާއި ބައްދަލުކުރައްވައި، ސިޓީގެ ތަރައްޤީއާއި ގުޅޭ މަސައްކަތްތައް އަވަސްކުރުމަށް މަސައްކަތްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!