އިންވެސްޓަރުން އައުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ހއ.، ހދ.، ށ. ހިމެނޭގޮތަށް ފަސް އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ސަރުކާރުގެ މަސައްކަތްތަކާގުޅޭ މައުލޫމާތު ދެއްވުމަށް ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިހާތަނަށް ފަތުރުވެރިކަން ކުރިއަރާފައިނުވާ ރަށްތަކަށް ފަތުރުވެރިކަން ގެންދިއުމަށް ސަރުކާރުން ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ. މިގޮތުން ހއ.، ހދ.، ށ.، ތ. އަދި ލ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އިންވެސްޓަރުން ޝައުޤުވެރިވާނެ ފަދަ ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ލޭންޑް އެކުއިޒިޝަން ކޮސްޓާއި އިމްޕޯޓް ޑިއުޓީން ޚާއްޞަ ލުއިތަކެއް ދިނުމަށް ކަމާބެހޭ ގަވާއިދަށް ބަދަލު ގެނެސް، މި މަހު ތެރޭގައި މި ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ވަކި މުއްދަތަކަށް ކަމަށާއި، މުއްދަތު ހަމަވުމުން އާންމު އަގުތަކަށް އެ އަތޮޅުތަކުންވެސް ޓެކްސް ފައިސާ ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުން ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީއަށް ފަތުރުވެރިކަން ފުޅާކުރުމަށް ބިޔަ މަޝްރޫޢުއެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި، މިހާރު މި މަޝްރޫޢަށް ފައިސާ ހޯދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން ހުޅުވާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންވެސްޓަރުން އައުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ހއ.، ހދ.، ށ. ހިމެނޭގޮތަށް ފަސް އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާވާފައިވާއިރު، މިވަގުތު ހއ. ހދ. އަދި ށ. އަތޮޅުގައި ކޮންމެ އަތޮޅެއްގައި ވެސް އޮޕަރޭޓް ކުރަމުން އަންނަނީ ދެ ރިސޯޓެވެ. މިގޮތުން ހއ. ގައި މަނަފަރާއި، އައިލެންޑް ހައިޑަވޭ ދޮނަކުޅި އޮޕަރޭޓް ކުރަމުން އަންނައިރު ހދ. ގައި އޮޕަރޭޓްކުރަމުން އަންނަނީ ހޮނޑާފުށި އައިލެންޑް ރިސޯޓާއި މަކުނުދޫ ފަޅުތެރޭ އޮންނަ ސޮނެވާ ސީކްރެޓް އެވެ. ށ. އަތޮޅުގައި އޮންނަނީ ސިއްރު ފެންފުއްޓާއި އަދި ޖޭ.ޑަބްލިޔު މެރިއޮޓް ރިސޯޓެވެ.