ސިޔާސީ މަގާމްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭނެ މިންވަރު ޤާނޫނުގައި ބަޔާންކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ދައްކަވަމުންދާ ވާހަކަފުޅުގައެވެ.
ސަރުކާރުގެ ލެޖިސްޓޭވިވް އެޖެންޑާއަށް އިޝާރަތްކުރަށްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިއަހަރުގެ ތެރޭގައި 30 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާކަން ހާމަކުރަށްވާފައެވެ.
މީގެ ތެރޭގައި ސިޔާސީ މަގާމްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭނެ މިންވަރު ޤާނޫނުގައި ބަޔާންކުރަން ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
''އެންމެ ގިނަވެގެން ސިޔާސީ މަގާމް ޢައްޔަނުކުރެވޭނެ އަދަދު މަޖިލީހުން ކަނޑައަޅާގޮތަށް ބަދަލުކުރުން، ސިޔާސީ މަގާމްތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލް މަޖިލީހާ ހިއްސާކުރަންޖެހޭގޮތަށް ޤާނޫނު ބަދަލުކުރުން'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ''އެހެންވީމަ ޗެކް އެންޑް ބެލޭންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމްތައް އައްޔަނުކުރުމާއި ވަކިކުރުން ލާގޮތަށް'' ޤާނޫނުގައި ހިމަނަން ނިންމަވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!