ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހި ބަހުގެ އެކެޑަމީގެ މުޝީރު، މަޑުލު މުޙައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ.

މަޑުލު ވަހީދު އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ. ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށްފަހުގައެވެ.

Ad
rt

މަޑުލު ވަހީދަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ލިޔުންތެރިކަމުގެ ދަތުރު ފެށިގެން އައީ އިންޑިއާގައި ފުރިހަމަކުރެއްވި ކޯހަކާ ގުޅިގެންނެވެ. 1973 ވަނަ އަހަރު މާލެ އެނބުރި ވަޑައިގަތުމަށްފަހު، ބޭރުގެ އެކިއެކި ޚަބަރުތައް ރޭޑިއޯ ޗެނަލްތަކުން އަޑުއައްސަވައިގެން ލިޔުއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މީގެ އިތުރުން، އޭރުގެ ދުވަހު ނޫސް "މޫންލައިޓް" އަށްވެސް ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.

މަޑުލު ވަހު ވަހީދުގެ ޚިދުމަތްތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް ކުރެއްވި މަސައްކަތްތައްވެސް ހިމެނެއެވެ. އޭނާއަކީ ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ކިޔަވައިދެއްވި މުދައްރިސެކެވެ. އަދި 1980 ގެ އަހަރުތަކުގައި ރައީސް އޮފީހުން ސަރުކާރުގެ މުވައްޒަފުންނަށް ހިންގި ވަޒީފާގެ ތަމްރީނު ކޯސްތަކުގައިވެސް ކިޔަވައިދެއްވާފައިވެއެވެ.

މަޑުލު ވަހީދުގެ ލިޔުންތެރިކަމުގެ ހުނަރުވެރިކަން ފާހަގަކޮށް، 2019 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ. އޭނާ ލިޔުއްވާފައިވާ ގިނަ ފޮތްތަކުގެ ތެރޭގައި "އިސްލާމީ އަދަބު އަޚްލާޤު"، "ދޭހައިގެ އަތްމަތީ ފޮތް"، "ޙަޔާތުގެ ހަދިޔާ"، އަދި "ހަރުދަނާ ޝަޚްޞިއްޔަތު" ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.

މި ނޫންވެސް ގިނަ ގޮތްގޮތުން މަޑުލު ވަހީދު ވަނީ ދިވެހި ބަހަށާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރަށްވާފައެވެ.

މަޑުލު ވަހީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1966 ވަނަ އަހަރުގެ ޑިސެމްބަރު 17 ގައެވެ. އޭނާގެ ސަރުކާރުގެ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ.