ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ހއ މާރަންދޫ، އުތީމު އަދި މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މުރައިދޫ އަދި މާރަންދޫގައި މި ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމެވެ. އަދި އުތީމުގައި އޭޓިއެމް ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ.
ވަޒީރުން ވަނީ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އޭޓިއެމުން ފައިސާ ނަންގަވާ، ފައިސާ ނަންގަވަން ބޭނުން ކުރެއްވި ކާޑު އެރަށެއްގެ ކައުންސިލާ ހަވާލުކުރައްވާފައެވެ.
އުތީމުުގައި އޭޓިއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ބީއެމްއެލްގެ ސީއީއޯ މުހައްމަަދު ޝަރީފް ވިދާޅުވީ މި އޭޓިއެމްތަކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށާއި މި އޭޓިއެމްތަކަކީ ރައްޔިތުންގެ އެސެޓެއް ގޮތުގައި ބަލައިގަތުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ބީއެމްއެލްއިން ދަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އިންވެސްޓްކުރަމުންކަމަށެވެ.
މީގެ އިތުރުން ރައީސްގެ އަމާޒަކީ ކިތަންމެ ކުޑަ އަބާދީއެއް އޮތް ރަށެއްނަމަވެސް ބޭންކްގެ ހިދުމަތް ދިނުން ކަމަށާއި، އަމިއްލަ ރަށުގައި ތިބެގެން މިފަދަ ޚިދުމަތްތައް ލިބުމަކީ ރައްޔިތުންނަށް އެކި އެކި ގޮތްގޮތުން މަންފާ ކުރާނެ ކަމެއްކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރުގެ ނިޔަލަށް އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފުޅަކަށް ވާއިރު، ރާއްޖެތެރޭ ބައެއް ރަށްރަށުގައި ޑޮލަރުގެ އޭޓީއެމް ބެހެއްޓުމަކީވެސް ރައީސްގެ ވައުދުފުޅެކެވެ.
މުޅި ރާއްޖެއަށް ބެންކް އޮފް މޯލްޑިވިސްގެ އޭޓީއެމް ޚިދުމަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހު ތެރޭގައެވެ. މި މަޝްރޫޢުއާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
ބީއެމްއެލް އިން މިހާތަނަށް ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ފޯރުކޮށްދެމުންދާއިރު މިއަހަރުުގެ ނިޔަލަށް 250 އަށްވުރެެއް ގިނަ ސެލްފް ސާރވިސް އޭޓީއެމް ޤާއިމްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!