ޔުއެފާ ކޮންފަރެންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޑެންމާކުގެ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެ ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ރޭ ކޯޕަންގޭފަންގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ޗެލްސީން ޖެހިއިރު، މި ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ކުކުރެއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރީސް ޖޭމްސްއެވެ.
ޗެލްސީން ލަނޑުޖެހިތާ ގިނައިރުތަކެއް ނުވަނީސް ކޯޕަންހޭގަންގެ ވިކްޓަރ ކްލައެސޮން ފޮނުވާލި ހަމަލައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ފެނާންޑޭޒްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ 65 ވަނަ މިނިޓުގައެވެ.
މި މެޗުގައި ކޯޕަންހޭގަންއަށް ލަނޑު ޖަހައިދީފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި ގެބްރިއަލް ޕެރޭރާއެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް މާކޮސް ލޯޕޭޒް ނަގައިދިނުމުން އޭރިޔާ ތެރޭގައި ހުރެ ޕެރޭރާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި ދެޓީމްވަދާކުރާ ދެވަނަ ލެގުގެ މެޗު އަންނަ ބުރާސްފަތި ދުވަހު އޮންނާނީ ޗެލްސީގެ ދަނޑުގައެވެ.
ރޭ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.
ސޮސިއެޑާޑްގެ ދަނޑުގައި ތިރީސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްއިން ވަނީ މެޗު ކޮންޓްރޯލްކޮށް ރަގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ.
އެގޮތުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލައެއް ގޯލުގެ ރޮނގު ހުރަސް ކުރުމުގެ ކުރިން ސޮސިއެޑާޑްގެ ކުޅުންތެރިއަކު އެ ބޯޅަ ދިފާއުކޮށްފައިވާއިރު ފެނާންޑޭޒް ހިލޭ ޖެހުމަކުން ފޮނުވާލި ނުރައްކާތެރި ހަމަލާ ގޮސްފައިވަނީ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ނެދަލޭންޑްސް ފޯވަޑް ޒިކްޒީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ނަމަވެސް އޭގެ 13 މިނިޓު ފަހުން ޕެނަލްޓީ އޭރިޔާ ތެރެއިން ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ސޮސިއެޑާޑް އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ މިކޭލް އޮޔަޒަބާލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހުމާއި ހަމައަށް ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ސޮސިއެޑާޑް އަށް ހަމަލައެއް އުފެއްދިފައެއް ނުވެއެވެ.
ސޮސިއެޑާޑް އިން ލަނޑު ޖެހުމާއިއެކު އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅުވެގެން ދިޔަތަން ވަނީ ފެނިފައެވެ. އަދި މެޗުން މޮޅުވުމުގެ ފުރުސަތުވެސް އެ ޓީމަށް ވަނީ ލިބިފަ އެވެ. އެގޮތުން 25 ޔާޑު ދުރުން ބްރެއިސް މެންޑޭސް ފޮނުވާލި ބާރު ހަމަލާ ކީޕަރު އޮނާނާ ވަނީ ދިފާއުކޮށްފަ އެވެ. އަދި އޭގެ ފަހުން އޮސްކާސަން ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާވެސް އޮނާނާ ވަނީ ދިފާއުކޮށްފަ އެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!