ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފިއެވެ.

ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކުން މެނިންޖައިޓިސް ވެކްސިން ޖެހުމުގެ މުހިންމުކަން ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ފާހަގަ ކޮށްފައިވާއިރު، މިއީ ބަލިތަކުން ރައްކާތެރިވުމަށާއި ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސަޢޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

Ad
rt

ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގެ މަދުވެގެން 10 ދުވަސް ކުރިން ވެކްސިން ޖެހުމުގެ މުހިންމުކަން ސައޫދީ ހެލްތް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިއީ ފުރިހަމަ އިމިއުނިޓީ ލިބުމަށް ބޭނުންވާ މުއްދަތެވެ. އަދި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވެކްސިން ޖަހާފައިވާ ފަރާތްތަކުން އިތުރު ބޫސްޓަރ ޑޯޒެއް ޖަހަން ނުޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި މުއްދަތުގައި ވެކްސިންގެ އަސަރު ދެމިހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ވެކްސިން ޖެހުމުގެ އިތުރުން، ދުޅަހެޔޮ ޢުމްރާ ދަތުރެއް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަންވެސް ސައޫދީގެ ހެލްތް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި އިރުޝާދުތަކަކީ ޢުމްރާއަށް ދާ ފަރާތްތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފުރިހަމަ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

ރާއްޖެއިން ވެސް އުމުރާއަށް ދާ ފަރާތްތަކަށް މެނިންޖައިޓިސް ވެކްސިން ދެއެވެ. އެކަމަކު ރާއްޖެއިން އުމްރާ އަށް ފުރާ ދިވެހިން ޖަހާ މެނިންޖައިޓިސް ވެކްސިން މިވަގުތު ޖަހައިދެމުން ދަނީ އަވަހަށް ފުރަން ތިބި އުމްރާ ވެރިންނަށް ކަމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީ އިން ބުނެއެވެ.