ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ''އަހާ''ގެ ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކްސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވާ މި ފޯރަމްތަކުގެ މިރޭގެ ފޯރަމް ބާއްވަން ނިންމާފައި ވަނީ ޕީއެސްއެމްގައެވެ.

Ad
rt

މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަސް ވަޒީރަކު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ވަޒީރުންނަކީ،

  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު،
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު،
  • މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް،
  • މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރޢާއިޝަތު ޝިހާމް،
  • މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު

ޕީއެސްއެމްގައި މިރޭ 9 ޖަހާއިރު ފަށާ މިފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ
ފަރާތުން ރައްޔިތުންނަށް ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުންޖަވާބު ދެއްވުމަށް ފުރުޞަތު ހުޅުވާލާނެއެވެ.

މިކަމަކީ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ފޯރަމަކީއާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ފޯރަމެކެވެ.