ސްޕެނިޝް ލަލީގާގައި ރޭ ފަސޭހަކަމާއިއެކު ސެވިއްޔާ ބަލިކޮށް ބާސާއިން ފުރުސަތުގެ ބޭނުން ހިފައިފިއެވެ. ރޭ ސެވިއްޔާ ދަނޑުގައި ބާސާ މޮޅުވީ 4-1 ގެ ނަތީޖާއިންނެވެ.

ލީގުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑް ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރި މެޗު އެއްވަރުވެފައި އޮތުމުން ރޭ މެޗު ކާމިޔާބު ކޮށްގެން އެ ދެ ޓީމާއި ދެމެދު ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ކުޑަކުރުމުގެ ފުރުސަތުގެ ބޭނުން ބާސާއިން މިވަނީ ވަރަށް ފުރިހަމައަށް ހިފާފައެވެ.

Ad
rt

ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ 23 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އެތުލެޓިކޯއަށް 23 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި ބާސާ އޮތީ 23 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ.

ރޭ މެޗުގެ ހަތްވަނަ މިނެޓުގައި ބާސާއިން ލީޑުނެގިއެވެ. މި ލަނޑު މާޓިނޭޒްގެ އެހީތެރިކަމާއިއެކު ޖެހީ ލެވަންޑޯސްކީއެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން އޭނާ މި ސީޒަންގައި ޖެހި 31 ވަނަ ލަނޑެވެ. ޖެހިގެން އައި މިނެޓުގައި ސެވިއްޔާއިން ލަނޑުޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ބާސާގެ އޮފްސައިޑް މަޅިން ސަލާމަތްވެ ސައުލް ނިގުއޭޒް ބޯޅަ ހިފައިގެން އަރާ ތަނަވަސް ކޮށްދިން ފުރުސަތުގައި މި ގޯޅު ޖަހައިދިނީ ރުބެން ވާގަސްއެވެ.

ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ބާސާއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ ފާމިން ލޮޕޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ނުވަމިނެޓް ފަހުން ރަފީނިއާ ވަނީ ބާސާއަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. ދެވަނަ ހާފުގެ ފަހުބައި ބާސާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އެ ޓީމުން ވަނީ ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ އިތުރު ލަނޑެއް ޖަހާފައެވެ. ބާސާގެ ހަތަރުވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖަހައިދިނީ އެރިކް ގާސިއާއެވެ.