މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ. އަތޮޅާއި އާއި ތ. އަތޮޅު ފަދަ އަތޮޅުތަކުގައި އިންވެސްޓްކުރުމަށް ލުއިތައްދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން މިއަދު ދެއްވި ޚިޠާބުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ މި ދިޔަ 2024ވަނަ އަހަރުކަން ފާހަގަކުރަށްވާފައެވެ. އެ ގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 9 އިންސައްތަ ފާއިތުވީ އަހަރު ވަނީ އިތުރުވެފައިކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން މި އަހަރުގެ އަމާޒަކީ، މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ޒިޔާރަތްކުރުމެވެ. މި އަމާޒު ޙާޞިލުކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ފެށިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''މީގެ އިތުރަށް މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ އަތޮޅު، ތ އަތޮޅު ފަދަ އަތޮޅުތަކުގައި މިއަހަރުތެރޭގައި އިންވެސްޓްކުރުމަށް ލުއިތައް ދީގެންނާއި، އެ ނޫން އިންސެންޓިވްތައް ދީގެން ރިސޯޓުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު.'' ރައީސް ވިދާޅުވެފަވެއެވެ.

ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ފާއިތުވި އަހަރު ވަނީ ވައިޑްބޮޑީ އެއާކްރާފްޓް އިފުތިތާހުކޮށްފައިކަން ފާހަގަކުރަށްވައި، ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ޤައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށްވަނީ ހަމަޖެހިފައިވާކަމަށް ވިދާޅުވެ، މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.