ހއ.އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރު ފަށްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މި އަހަރު ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފައްދަން ފަށާނެ ކަމަށެވެ.
ހަމައެހެންމެ، ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އުސްގެކޮޅާ ގުޅިފައިވާ ޕާކު އިންޓަރެކްޓިވް އިމަރސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
''ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް ހއ. އަތޮޅުގައި މި އަހަރު ފެށޭނެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހއ. އުތީމު، ތަކަންދޫ، ބާރަށް ހިމެނޭނެ.'' ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި އެ ރަށްރަށުގައި ހިމެނޭ މާއްދީ އެހެނިހެން ތަރިކަތައް ވެސް ހިމަނައި ޝާމިލުކުރެވޭނެކަމަށާއި، ސަބަބަކީ މި މަޝްރޫޢު އެކުލަވާލެވޭނީ ދިވެހީންގެ އަމިއްލަވަންތަކަން އިއާދަކުރުމުގެ ސިޔާސަތާއި އަދި ދިވެހި ތާރީޚުގައި މުޅިން އަލަށް ތަޢާރަފުކުރެވުނު ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެދަށުން ކަމަށްވުމުން ކަމުގައި ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
''ހަމައެއާއެކު އަޅުގަނޑު ގަސްތުކުރަނީ، ވީހާވެސް ފުރިހަމަ ގޮތެއްގައި، ޖެހިޖެހިގެން 2 އަހަރު، މި އަހަރާއި މި އަންނަ އަހަރު ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ހއ. އުތީމުގައި ފާހަގަކުރަން. އުތީމު މަހާރަދުންނާއި ކަޅުއޮށްފުންމީގެ ފަހުލަވާނުން މި ޤައުމަށް ޓަކައި އެ ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ޒިކުރާ ވީ އެންމެ މަތީ ދަރަޖައެއްގައި އާކުރަން އަޅުގަނޑު ބޭނުން. އެ މަތިވެރި ޖިހާދުން ލިބިދޭ ފިލާވަޅުތައް ޖީލު ޖީލަށް ރައްދުވަމުން ފޯރަމުން ދާން އަޅުގަނޑު ނިހާޔަތަށް ބޭނުން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، ދިވެހި ޤައުމުގެ މިނިވަންކަމުގެ އަގާއި ޝަރަފާއި ޢިއްޒަތް ހަމަ ކޮންމެ ދިވެހި ދަރިޔަކަށް އިޙްސާސްވެ، މި ލޮބުވެތި ދިވެހި ޤައުމާ މެދު ފަޚްރުވެރިވާނެ ދިވެހި ދަރީންތަކެއް އުފެދެން އެމަނިކުފާނު އިންތިހާޔަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށާއި، ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމި އޮންނާނީ އޭރުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!