މާދަމާއަކީ ސަރުކާރު ބަންދު ނަމަވެސް، ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މާދަމާ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވަނީ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވާތީއެވެ.
މިއަހަރަށް މަޖިލިސް ހުޅުވާ ދުވަހަކީ މާދަމާކަމަށްވުމާއެކު، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. މާދަމާގެ މަޖިލީހުގެ ޖަލްސާގައި އޮންނާނީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މާލެ ސަރަހައްދުގައި ޤާއިމްކުރެވިފައިވާ އިމިގްރޭޝަން އޮފީސްތަކުން މާދަމާ ޕާސްޕޯޓް ޚިދުމަތް ދޭނެކަމަށެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި ޕޯޓަލް އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. އަދި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މާދަމާ ހެނދުނު 9:00 އިން މެންދުރު 1:00 ޖެހުމާއި ހަމައަށް އިމިގްރޭޝަނުގެ އޮފީސްތަކަށް ގޮސް އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.
މާދަމާ ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 2:00 އަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މާދަމާ މި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ވެލާނާގޭ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ މައި އޮފީހުންނާއި، ހުޅުމާލެ ފޭސް އެކެއްގެ އުމަރު ޒާހިރު ބިލްޑިންގްގައި ހުންނަ އިމިގްރޭޝަން އޮފީހުންނާއި އަދި ފޭސް ދެއެއްގެ ވިނަރެސް 2 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަން އޮފީހުންނެވެ.
ސަރުކާރު ބަނދު ދުވަސްތަކުގައި އިމިގްރޭޝަނުން ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމް މީގެ ކުރީން ވެސް ހަމަޖައްސާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!