ސްޕެނިޝް ލީގު ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ކުއާޓާ ފައިނަލުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން އެތުލެޓިކޯ ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ގެޓާފޭ އަތުން އެތުލެޓިކޯ މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
އަމިއްލަ ދަނޑުގައި އެތުލެޓިކޯއިން ވަނީ ގެޓާފޭއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއިއެކުއެވެ. އެ ޓީމަށް ފުރަތަމަ ދެ ލަނޑު ޖަހައިދިނީ ސިމިއޯނީއެވެ. ތިންވަނަ ލަނޑު ޖަހައިދިނީ ލިނޯއެވެ. މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ކޮރެއާއާއި ސޯލޯތުއެވެ.
މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެތުލެޓިކޯއިން ބަލިނުވެ 15 މެޗު ކުޅުމަށް ފަހު، ލީގުގައި ލެގަނޭސް އަތުން ބަލިވީ ފާއިތުވި ޖުލައި މަހުގެ މެދުތެރޭގައެވެ. އޭގެ ފަހުން ކުޅުނު ފަސް މެޗުވެސް އެ ޓީމް ބަލިވެފައިނުވެއެވެ.
މިއީ 1965 ގެ ފަހުން އެތުލެޓިކޯއިން ކޮޕަ ޑެލް ރޭ ކުއާޓާ ނުވަތަ ސެމީ މެޗެއްގައި ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އެތުލެޓިކޯއިން 1965 ވަނަ އަހަރު މުބާރާތުގެ ސެމީގައި 8-1 ނަތީޖާއިން ވަނީ ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ.
ކޮޕަ ޑެލް ރޭ ކުއާޓާ ފައިނަލުގައި މިރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައި ރެއާލް މެޑްރިޑް ނުކުންނާނީ ލެގަނޭސްއާއި ދެކޮޅަށެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައި ސްޕެނިޝް ލީގުގެ އެންމެ ކުރީ އޮތް ދެ ޓީމް ކަމަށްވާ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ވާދަކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!