ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ހއ. ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ފަތާ ޓްރެކް ހެދުމާއި، ރަ އޮޑިދޯނިފަހަރާ ގުޅޭ މަސައްކަތަށް ބޭނުންވާ ސަރަޙައްދެއް ހެދުމާއި، މޫދަށްއެރޭ ސަރަޙައްދެއް ހެދުމުގެ ވައުދުގެ މަތިން ހަނދާން އައުކުރަށްވައި އެކަންކަން އެއާޕޯޓާއި ގުޅިގެން ކުރިއަަށް ދާނެކަމަށް ވިދާޅުވިއެވެ.

އެރަށު ނެރުގެ މައްސަލަ ޙައްލުނުވެ ބަނދަރުގެ މައްސަލަ ޙައްލެއްނުވާނެކަމަށާއި، އެއަރޕޯޓުގެ މަސައްކަތް ކުރެވިގެންދާއިރުގައި، އެ ބަނދަރު ވާނީ ވަރަށް ބިޒީ މުހިންމު ބަނދަރަކަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ މަސައްކަތް ނިންމާއިރުގައި، ރަށުގެ ރައްޔިތުންގެ އޮތް ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރުގެ މަސައްކަތް ފުރިހަމަކުރާއިރުގައި، ނެރުގެ މައްސަލަ ފުރިހަމަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑު ވަޢުދުވި ކިތަންމެ ކަމެއް ހުންނާނެ. ލިޔެވިފައި އެހެރީ. ލިޔެވިފައި އެހެރީ. ކުޅިވަރު ކުޅެން އެންމެ މުހިންމު ވަޢުދަކަށް އަޅުގަނޑުވީ، އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑު އެޅުމުގެ ވާހަކަ. އެ ދަނޑުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.'' ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުުން ދިއްދޫގެ ބޯހިޔާވަހިކަން ހައްލުކޮށް ދިނުމަށް އެ ރަށުގައި އިތުރު 200 ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރުގައި، އެއަރޕޯޓުގެ ބިން ހިއްކުމާ އެކީގައި ރަށަށް ބޭނުންވާ ބިން ހިކިގެންދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.