އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިނގާ ޖިނާއީ ތަޙުޤީޤުތައް އަވަސް ކުރުމަށް އެ ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަމުރުކުރަށްވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އޭސީސީން ހިނގާ ޖިނާއީ ތަޙުޤީޤުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިކަން ޕްރޮސިކިއުޓަރ ޖެނެރަލް ބެއްލެވިއިރު، ދިވެހި ދައުލަތާއި ޢާންމު ރައްޔިތުންގެ މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ހިމެނޭގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޖިނާއީ ތަޙުޤީޤުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި ޢާންމު ރައްޔިތުންގެ މަސްލަޙަތުތަކަށް އުނިކަން އަންނަމުންދާކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަޙުޤީޤުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދުން ފެށިގެން ޢަމަލުކުރުމަށް، އޭސީސީގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރުގައި، އޭސީސީން ތަޙުޤީޤުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު، ޚާއްޞަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ހުށަހެޅުމަށް އަމުރުކުރައްވާފައިވެއެވެ.
އޭސީސީގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ ހުރިހާ މައްސަލަތައް މި އޮފީހަށް ހުށަހެޅުމުގައި، މިއަދުން ފެށިގެން ޢަމަލުކުރަންޖެހޭނެ އިރުޝާދެއްކަމަށް ޕީޖީން ވަނީ ފާހަގަކޮށްފައެވެ.
''މި އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމުގެ އިތުރުން، ތަޙުޤީޤުތަކުގެ މަރުޙަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުޤީޤުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަޙުޤީޤުގެ ކުރީ މަރުޙަލާއިން ފެށިގެން މި އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުމެވެ.'' ޕީޖީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!