ރ. ރަސްމާދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ޢަމަލީ ސިފަ ގެނެސް، ކުލަ ޖައްސައިދެއްވާނެކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ރަސްމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ ރަސްމާދޫގެ ތަރައްޤީއަށް ވަރަށްގިނަ ކަންކަން ކުރަން ހުރިކަން ފާހަގަކުރަށްވައި، ވަރަށް އިސްކަމެއް ދެއްވައިގެން އެ ކަންތައްތައް އަވަސްމިނެއްގައި ޙަޤީޤަތަކަށް ހަދައްދަވައިދެއްވާނެކަަމަށް ވިދާޅުވެފައެވެ.

ރަސްމާދޫ ގައިވެސް ކުރިން ފަށައި، ހުއްޓިފައި ހުރި ވަރަށް މުހިންމު ކަންކަން އެބަހުރިކަމަށާއި، އެކަންކަން ކޮށްދިނުމަށް މިހާރު ވަރަށްގިނަ މަސައްކަތްތަކެއް ތަރުތީބުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ރައީސް ފާހަގަކުރެއްވި އެއްކަމަކީ އެރަށުގައި ހުއްޓިފައި އޮތް ފެނުގެ ނިޒާމު ގާއިމުކުރުގެ މަސައްކަތެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ވަރަށް އަވަހަށް ފަށައިދީ، ނިންމައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެރަށުގެ ރައްޔިތުން ވެސް ފާހަގަކުރި ގޮނޑުދޮށް ޙިމާޔަތް ކުރުމާއިގުޅޭ ކަންބޮޑުވުމާއި ގުޅިގެން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެެވެ. އަދި އެ މަސައްކަތްވެސް އިސްކަމެއްދީގެން އެގޮތަށް، މޫދަށް އެރުމަށް ޚާއްސަ ސަރަޙައްދެއްވެސް ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ރަސްމާދޫގެ ތަރައްގީއަށް ރައީސް އިތުރަށް ފާހަގަކުރެއްވިކަންކަން

  • ގެދޮރުވެރިކަން: ހައުސިންގ ޔުނިޓް މަޝްރޫޢެއް އިސްކަންދީގެން ކުރިއަށް ގެންދެވޭނެ.
  • ތަޢުލީމީ ދާއިރާ: ތިންބުރި ސްކޫލް އިމާރާތުގެ މަސައްކަތް އަވަސް ކުރެވޭނެ.
  • ޞިއްޙީ ދާއިރާ: ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ލެބޯޓަރީއެއް ޤާއިމުކުރެވޭނެ.
  • ކުޅިވަރު ދާއިރާ: ފުޓްބޯޅަ ދަނޑާއި ޔޫތު ސެންޓަރެއް ތަރައްޤީކުރެވޭނެ.
  • ސަލާމަތީ ޚިދުމަތް: ފުލުހުންގެ ޚިދުމަތް މިއަހަރު ތެރޭގައި ޤާއިމުކުރެވޭނެ.
  • އެންޓަނާގެ މައްސަލަ އުރީދޫއާ ގުޅިގެން ޙައްލުކުރެވޭނެ.

''އާދެ، ޖުމްލަ ގޮތެއްގައި ހަމަ ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ޢަމަލީ ސިފަ ގެނެސް، ކުލަ ޖައްސައިދޭނެ ވާހަކަ. އަދި އޭގެ ސަބަބުން ތިޔަބޭފުޅުންނަށް ފުރިހަމަ ނަފާ ލިބިދިނުމަކީ އަޅުގަނޑުގެ ހުރިހާވެސް އެދުމެއް.'' ރައީސް ވިދާޅުވެފަވެއެވެ.