އެމެރިކާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމަށް މާކޯ ރޫބިއޯ އައްޔަން ކޮށްފިއެވެ.

53 އަހަރުގެ ރޫބިއޯ ވަނީ އެމެރިކާގެ ޤައުމީ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ވައުދުވެފައެވެ.

Ad
rt

ކިއުބާގެ ދަރިކޮޅަކަށް ނިސްބަތްވާ ރޫބިއޯ ވަނީ އިނގިރޭސި އަދި ސްޕެނިޝް ބަހުން ވާހަކަދައްކަވައި، ޕްރެޒިޑެންޓް ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ މުވައްޒަފުންނާ މުޚާތަބުކުރަމުން ރޫބިއޯ ވިދާޅުވީ، " ދުނިޔޭގެ އެންމެ ކުޅަދާނަ، އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓިކް ކޯރގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ."

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ޤައުމީ މަސްލަހަތު ކުރިއެރުވުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު މަޤްސަދު ކަމުގައެވެ. އަދި ދުނިޔޭގައި ސުލްހަ ޤާއިމްކުރުމަކީ ޤައުމު ބާރުގަދަ އަދި ކުރިއަރާފައިވާ ޤައުމަކަށް ވުމަށް މުހިންމު ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މާކޯ ރޫބިއޯއަކީ ކިއުބަން-އެމެރިކަން ސިޔާސީ ލީޑަރެކެވެ. 1971 ވަނަ އަހަރު މައިއަމީގައި އުފަން ރޫބިއޯ ވަނީ ފްލޮރިޑާ ސްޓޭޓުން ޔުނައިޓެޑް ސްޓޭޓްސް ސެނެޓަށް 2011 ވަނަ އަހަރު އިންތިޚާބުވެފައެވެ. އޭނާއަކީ 2016 ވަނަ އަހަރު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާދަކުރި ފަރާތެކެވެ.

ސެނެޓަރެއްގެ ހައިސިއްޔަތުން ރޫބިއޯ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އޭނާގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ އެމެރިކާގެ ޤައުމީ މަސްލަހަތު ރައްކާތެރިކުރުމާއި، ދުނިޔޭގެ މަސްރަހުގައި އެމެރިކާގެ ނުފޫޒު ދެމެހެއްޓުމެވެ.