ހެލްތު ސެންޓަރތަކާއި ހޮސްޕިޓަލްތަކުގައި ހުންނަންޖެހޭ އެންމެ ކޮލިޓީ މެޝިނަރީޒްތައް ބަލްކްކޮށް ގެނެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްޚީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުގައި ވެސް ބެހެއްޓުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ރ.އަތޮޅުގެ 11 ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ އަނގޮޅިތީމު ހިމެނޭހެން ރަށްތަކަށް އެމަނިކުފާނު ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ހިނގާނެ ދުވަސްތަކެއްގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

Ad
rt

މިގޮތުން ރަށްރަށަށް ބޭނުންވާ އެކިއެކި ކަންކަމާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ސިއްހީ ދާއިރާއާއި ގުޅޭގޮތުން ވިދާޅުވީ، މަރުކަޒުތަކުގައި ހުންނަ އިކްއިޕްމަންޓްސްތައް ނުހުއްޓި ހިންގޭނެ ގޮތަށް، އަދި ބޭނުންވާ ރީއެޖެންސީވެސް އަދި ވަސީލަތްތައްވެސް ހުސްނުވެ ބަރާބަރަށް ލިބޭނެގޮތަށް ކަންތައްތައް ރާވަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެެއް ދެއްވާކަމަށެވެ.

އެންމެ ކޮލިޓީ ބޭސް ބަލްކްކޮށް ގެނެސް، ރާއްޖޭގެ ރައްޔިތުންނަށް ލިބޭގޮތަށް ހެދުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ ހަމަ އެގޮތަށް، ރަށްރަށުގައި ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުގައި ހުންނަ ވަސީލަތްތަކާއި، އިކްއިޕްމަންޓްސްތަކަކީވެސް ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑްތަކުގެ ވަސީލަތްތަކަށް ހެދުމަށްވެސް މި ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

''އެއީވެސް ހަމަ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެކީގައި ގިނަ ޢަދަދެއްގެ ރަށްރަށަށް ވާވަރަށް ގަނެގެން ގެނެސް ހަރުކޮށް، އޭގެ ރީއެޖެންސީއަށް ބޭނުންވާ ވަސީލަތްތައް، ހިންގުމަށް ބޭނުންވާނެ ތަކެއްޗަކީވެސް ފަސޭހައިން ލިބޭނެ ތަކެތި، އެކަހަލަ ބްރޭންޑްތައް ގެނައިމަ. އެގޮތަށް އެކަން ކުރަން އޮންނާނީ ނިންމާފައި.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާާޅުވީ، ގިނަފަހަރަށް މިވާގޮތަކީ، މިފަދަ ރަށްރަށުގައި މި ހުންނަ ބްރޭންޑްތަކަކީ، އޭގެ ސްޕެއަރވިޔަސް، އަދި އެއަށް ބޭނުންވާ ވަސީލަތްތައްވެސް މާފަސޭހައިން ނުލިބޭގޮތަށް ހުންނަ ތަކެތި ކަމަށެވެ. އެހެންކަމުން އެކަން އަބަދު ރަނގަޅު ކުރަން ވެއްޖެނަމަ ހިނގާ ޚަރަދު ވަރަށްބޮޑުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

''އެހެންވީމާ، އެއްފަހަރުން ތަންކޮޅެއް ބޮޑު ޚަރަދެއް ހިނގިޔަސް، ކުރިއަށް އޮތް ތަނަށް، މެއިންޓެނަންސަށް ބަލާއިރުގައި މާބޮޑުތަނުން ސޭވްވާނެ. އަދި ކޮލިޓީއަށް ބަލާއިރުގައިވެސް މާބޮޑަށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވޭ، ކޮލިޓީ މެޝިނަރީ، ކޮލިޓީ ބްރޭންޑްތައް ގެނެވުނީމަ. އެހެންވީމާ، އެންމެ ކޮލިޓީ ބޭސް ގެންނަން އަޅުގަނޑުމެން ނިންމިގޮތަށް، ހެލްތު ސެންޓަރތަކާއި ހޮސްޕިޓަލްތަކުގައި ހުންނަންޖެހޭ އެންމެ ކޮލިޓީ މެޝިނަރީޒްތައް ހަރުކޮށްދިނުމަށްވެސް އަޅުގަނޑުމެން މިވަނީ ނިންމާފައި. އަދި ގިނަ ޢަދަދަކަށް ގެނެސް ހަރުކުރުމަށް. ރާއްޖޭގެ ހަމަ ހުރިހާ ސަރަޙައްދެއްގައި.'' ރައީސް ވިދާޅުވެފަވެއެވެ.