ބަލި ގަބޫލުކޮށް، އިޒްރޭލްގެ ސިފައިންގެ ޗީފް އޮފް ސްޓާފް، ލެފްޓިނެންޓް ޖެނެރަލް ހާޒީ ހަލެވީ، މަޤާމުން އިސްތިއުފާ ދީފިއެވެ.

މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދެކުނު އިޒްރޭލަށް ދިން ހަމަލާ ހުއްޓުވުމަށް ނުކުޅެދުނުކަމުގެ ޒިންމާ ނަގާކަމަށް ބުނެ ދިން އިސްތިއުފާއެކެވެ.

Ad
rt

ބުރާސްފަތި ދުވަހު ބޮޑުވަޒީ ބެންޖަމިން ނެތަންޔާހޫ އަދި ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒްއަށް ފޮނުވި ސިޓީއެއްގައި ހަލެވީ ވިދާޅުވެފައިވަނީ މާރިޗު 6 ވަނަ ދުވަހުން ފެށިގެން މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އިސްތިއުފާ ހުށަހަޅާފައި މިވަނީ އޭނާގެ މަޤާމުގައި 2 އަހަރާއި 2 މަސްދުވަސް ހޭދަކުރެއްވުމަށްފަހުގައެވެ.

"މި ބޮޑު ނާކާމިޔާބީގެ ޒިންމާއަކީ ކޮންމެ ދުވަހަކު، ކޮންމެ ވަގުތެއްގައިވެސް އަހަރެންނާއެކު އޮންނާނެ އެއްޗެއް. މިކަން އަހަރެންގެ ދިރިއުޅުމުގެ ބާކީ އޮތް ހުރިހާ ދުވަހެއްގައިވެސް ދެމިއޮންނާނެ،" ހަލެވީ ސިޓީގައި ލިޔުއްވިއެވެ.

ހަލެވީގެ އިސްތިއުފާގެ ޚަބަރު އިއުލާންކުރެއްވުމާއެކު، އިޒްރޭލް ސިފައިންގެ ދެކުނު ސަރަހައްދުގެ ކޮމާންޑަރު، ޔަރޯން ފިންކެލްމަންވެސް އިސްތިއުފާ ދެއްވައިފިއެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު ޕާޓީ ޔިސްރޭލް ބެއިޓެނޫގެ އިސްވެރިޔާ އަވިގްދޯރް ލިބަރމަން ޖުވިޝް ވަނީ ނަތަންޔާހޫ އަދި ކެބިނެޓްގެ އެހެން ވަޒީރުންނަށް ވެސް "ޒިންމާ ނަންގަވާ ހަލެވީގެ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރަން.'' ގޮވާލައްވާފައެވެ.

ޕަވަރ ޕާޓީގެ އިސްވެރިޔާ އިޓަމަރް ބެން-ގްވިރް ވަނީ ހަލެވީގެ އިސްތިއުފާއަށް މަރުހަބާ ކިޔާފައެވެ.

"އަހަރެން އުންމީދުކުރަނީ ގަދަފަދަ އަދި ހަރުކަށި އައު ޗީފް އޮފް ސްޓާފެއް އައްޔަންކުރެވި، އެފަރާތުން ހަމާސް ބަލިކުރުމަށް އަހަރެމެން ކުރިއަށް ގެންދިއުމަށް" މަރުހަބާގެ މެސެޖްގައި ބެން-ގްވިރް ބުންޏެވެ.