ދިވެހި ސަރުކާރުން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" މާލެ ސަރަހައްދުގައި އިތުރަށް ފުޅާކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

Ad
rt

ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް މި އޮޕަރޭޝަންގެ ދަށުން 25,483 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނަގާފައިވެއެވެ.

މީގެ ތެރޭގައި 1,455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޮވެމްބަރ 17 ވަނަ ދުވަހު ޤައުމާ މުޚާޠަބު ކުރެއްވި އިރު މި އޮޕަރޭޝަންގައި 10,000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނެގުނު ވާހަކަ އިޢުލާން ކުރައްވާފައިވެއެވެ. އޭގެ ފަހުން މިދިޔަ 2 މަސް ތެރޭ އިތުރު 15,000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނެގިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުގައި މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމަންޓާއި، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މުޅި ހޯމް ސެކްޓަރގެ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ވަޒީރު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަޤީޤީ އަދަދު ދެނެގަތުމަށާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.