މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުން މިއަދު ރުހުންދީފިއެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މި މަސް ތެރޭޭގައި ހަމަވުމުން އެ ދެ މަގާމަށް މެންބަރުން ހޯދަން ރައީސް އޮފީހުން ކުރި އިއުލާނަށް ޝަރުތު ހަމަވާ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

Ad
rt

އޭގެ ތެރެއިން މުހައްމާގެ ނަން އޮތީ ރައީސް އެންމެ އިސްކަންދެއްވާ ނަމެއްގެ ގޮތުގައެވެ. ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމުގައި މުހައްމާގެ ނަން ދިޔައީ ތިންވަނައަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާ އިންސައްތައަށް ކޮމެޓީން އޮތީ މުހައްމާއަށް މާކުސް ލިބިފައެވެ.

ދައުރުން ބޭއްވި މިއަދުގެ ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ކޮމެޓީން އެންމެ ގިނަ މާކުސް ދިން އާމިނަތު ސަރާހަތު އިއްޒަތެވެ. ސަރާހަތު ބްރޯޑްކޮމް އަށް އައްޔަން ކުރަން ފާސްކުރީ 68 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާ ވަނީ ކުރިން ވެސް އެ ކޮމިޝަންގެ މެމްބަރުކަން ކުރަށްވާފައެވެ.

ދެ ވަނައަށް ވޯޓަށް އެހީ ކޮމެޓީގެ ލިސްޓުން ދެވަނަ ހޯދި މަޝްހޫރު ޕްރެންޓަރ ޝިފްޒާ މުސްތަފާގެ ނަމަށެވެ. ޝިފްޒާ ބްރޯޑްކޮމްއަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އައްޔަން ކުރަން ނުފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވި އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނެވެ.

ދެން ވޯޓަށް އެހީ ކޮމެޓީގެ ލިސްޓްގެ ތިންވަނާގައި އޮތް މުހަންމާގެ ނަމަށެވެ. މުހައްމާ ބްރޯޑްކޮމް އަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.

މުހައްމާ އަށް ބްރޯޑްކޮމް މެންބަރުކަމުގެ އުންމީދު ހަނިވެއްޖެ

މަޖިލީހުގެ ތަޅުމުގައި ނަންތަކަށް ވޯޓަށް އެހުމުގައި ޢަމަލުކުރާ އާންމު އުސޫލަކީ ކޮމެޓީން އެންމެ ގިނަ މާކުސް ދިން ތަރުތީބުން ވޯޓަށް އެހުމެވެ. އާންމުގޮތެއްގައި ކޮމެޓީގެ ލިސްޓްގެ ކުރި ހޯދަނީ ސަރުކާރުން އެ މަގާމަކަށް ޢައްޔަނުކުރަން ބޭނުންވާ ނަންތަކެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެންޑޭޓަކީ، ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުތުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމް ކުރާކަން ޔަޤީންކުރުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅައި ދެމެހެއްޓުމާއި އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އާއި ބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދިނުމެވެ.