ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ހޮފެއިންހެއިމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ބަޔާނުން ޕޮއިންޓް ތާވަލުގައި ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބަޔާނުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ހޮފެއިންހެއިމް ބަލިކޮށްފައެވެ.
ރޭ މެޗުގެ ފުރަތަމަ ހާފު ބަޔާނުން ނިންމާލީ ތިން ލަނޑުގެ ލީޑަކާއިއެކުއެވެ. ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި ސާނޭ ޖަހާފައި ވަނީ ހޮފެއިންހެއިމްގެ އޭރިއާތެރެއިން މުލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އޭގެ ހަމިނެޓް ފަހުން ކޭން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ގުއެރޭރޯ ވަނީ ބަޔާނަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. ބަޔާންގެ ތިންވަނަ ލަނޑު ޖަހައިދިނީ ހެރީ ކޭންއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެނަލްޓީއަކުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ބަޔާނުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެ ޓީމަށް ހަތަރުވަނަ ލަނޑު 48 ވަނަ މިނެޓުގައި ސާނޭ ޖަހައިދިނީ މަތީސް ޓެލް ތަނަވަސް ކޮށްދިން ފިރިސަތެއްގައެވެ. ބަޔާންގެ ފަސްވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖަހައިދިނީ ގްނަބްރީއެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބަޔާން އޮތީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ލެވަކޫސަން އަށް 17 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. މެޗުން ބަލިވި ހޮފެއިންހެއިމް އޮތީ ރެލިގޭޝަން ޒޯންގައެވެ. 16 ވަނާގައި އެ ޓީމް އޮތްއިރު 17 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!