މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރީތިވިނަމަވެސް، ކުރިއަށް އޮތް 6 ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ.
މެޓް އޮފީހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ސްރީލަންކާގެ ދެކުނުގައިއާއި ރާއްޖޭގެ ހުޅަނގުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވެއެވެ. މި ކޮޅިގަނޑުގެ ބާރު ގަދަވެ، އޭގެ އަސަރު ރާއްޖެއަށް މާދަމާއިން ފެށިގެން ކުރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
"މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެއެވެ. އަދި އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެވޭ"
މެޓް އޮފީހުން ބުނެފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ 13 ޖަނަވަރީން 18 ޖަނަވަރީއާ ދެމެދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް އާންމުކޮށް އިޢުލާންކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ވިއްސާރައިން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ބައެއް ގެތަކާއި ފިހާރަތަކަށް ވެސް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ވަނީ ހަތް ގެއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައެވެ.
މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓް އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އަބަދުވެސް އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!