މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބޯޑުގެ ބައްދަލުވުން މިއަދު އއ. އުކުޅަހުގައި ބާއްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ އުކުޅަސް ކޮންވެންޝަން ސެންޓަރުގަ އެވެ. އުކުޅަހުގެ ކައުންސިލުން ވަނީ އެމްއެމްޕީއާރްސީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Ad
rt

މި ދަތުރުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ބޯޑު ޑައިރެކްޓަރުން އެރަށުގެ ކައުންސިލްއާއި އަދި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްޕީއާރްސީގެ ފަރާތުން މަޢުލޫމާތު ދީފައި ވެއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި ބައްދަލުވުން އުކުޅަހުގައި ބޭއްވުމުގެ މަޤްޞަދަކީ ލޯކަލް ޓުއަރިޒަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭކަން ހާމަކޮށްދިނުމާއި، އެމްއެމްޕީއާރްސީ އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް ތައްޔާރަށްކަން ހާމަކުރުމެވެ.

އުކުޅަހަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ރަށެއްކަން ފާހަގަކޮށްލެވެއެވެ. އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި ގުޅޭ މަސައްކަތްތަކެއް ކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ.