މާލޭގެ މާފަންނު ސަހަރާގައި ހަދާފައިވާ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަން ނުވަތަ ފެން ހިންދާ ނިޒާމަށް ލިބުނު ގެއްލުން ވަގުތީގޮތުން ހައްލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާލެއަށް ވިއްސާރަކޮށް ފެންބޮޑުވާ ކޮންމެ ފަހަރަކު ވެސް އެކި ހިސާބުތަކުގައި ހުރި ވާރޭ ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓުކޮށް، އެ ތަންތަން ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލައެވެ. މިއަދު މާލޭގައި ފެންބޮޑުވުމާ ގުޅިގެން މާފަންނު ޕަމްޕް ސްޓޭޝަން ބެލި އިރު، އެ ސްޓޭޝަނާއި އެއާ ގުޅާފައި ހުރި ހޮޅިތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރިކަން ފާހަގަކުރެވުނެވެ.

Ad
rt

މިނިސްޓްރީން ބުނާ ގޮތުގައި، މި ޕަމްޕް ސްޓޭޝަނަށް ގެއްލުން ލިބުނީ މާލޭ ސިޓީ ކައުންސިލުން ސަހަރާ ހުސްކުރުމުގެ މަސައްކަތްކުރުމުގައި އެއްވެސް ވަރަކަށް ބެލުމެއް ނެތި އެތަން ކޮނެފައި ވާތީއެވެ. އަދި ސިޓީ ކައުންސިލުން އެ މަސައްކަތް ކޮށްފައި ވަނީ ވެސް މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް، އަދި އެއްވެސް އެންގުމެއް ވެސް ނެތިކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕަމްޕް ސްޓޭޝަންތަކާއި ނެޓްވޯކް ޗެކުކޮށް، އާރުސީޑީ އާއި ސްޓެލްކޯގެ އެހީތެރިކަމާ އެކު، މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާފަންނު ސަހަރާގައި ހުރި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ގެއްލުންތަކެއް ލިބުނީ ސަހަރާގެ ބައެއް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން މިހާރު އެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުއްދައެއް ނެތި ކަމަށްވެސް މުއްތަލިބް ތުހުމަތު ކުރެއްވިއެވެ.

މާލެއަށް ރޭ ދަންވަރު ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މަގުތަކުން މިއަދު މެންދުރުކުރީގެ ވަގުތެއްގައި 13،882 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި ސްޓޯމްވޯޓަރ ސްޓޭޝަންތައް ޤާއިމުކޮށް މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ހިންދުމުގެ މަސައްކަތް ކުރިނަމަވެސް، އެކަށީގެންވާގޮތުގައި މިތަންތަން ބޭނުން ނުކުރެވޭކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. އަދި އެގޮތަށް މެދުވެރިވާ މައިގަނޑު ސަބަބެއްކަމަށް ޓެކްނިކަލް ގިނަ ބޭފުޅުން ފާހަގަކުރައްވަނީ އެއްވެސް ޕްލޭނެއް ނެތި ތަރައްޤީކުރެވިފައިވާ މާލޭގެ މަގުތައް އޮތްގޮތެވެ. އެހެންކަމުން ސަރުކާރުން ގެންދަވަނީ ޗައިނާގެ އެހީތެރިކަމާއެކު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.