ކުރީގެ އަދަދާއި ގުޅޭ:

"މަންމަ ގާތު އަހަރެމެންގެ ވާހަކަ ދެއްކިންތަ؟ އޭރު ފޯނު ބޭއްވީ، އެ ވާހަތައް ދައްކާށޭ ކިޔާފައެއްނު. ފަހުން އަހަންނަކަށް ހަބަރެއް ނުވޭ." ދާއިންގެ ސުވާލުން އަރޫޝާއަށް ފުންމައިގެން ތެދުވެވުނެވެ. ހިތަށް ބިރުވެރިކަން ވެރިވެ، މީހާ އުދާސްވެއްޖެއެވެ.

Ad
rt

" ކުއްލިއަކަށް ކީއްވެ ތި ވާހަކަ ތި އެހީ؟" ޖެހިލުންވެ ހުރެ އަރޫޝާ ސުވާލު ކުރިއެވެ.

" އަހަރެން މި ބުނާ ވާހަކައިން އެއްޗެކޭ ހީ ނުކުރައްޗޭ! " ދާއިން ބުނެލިއެވެ.

ދާއިން އެހެން ބުނިކަމުގައި ވިޔަސް، އަރޫޝާ އޭރު ހުރީ ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެފައެވެ. އޭނާ މަޑުމަޑުން ހޫމް އަޅުވާލުމާއެކު ދާއިން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

" މަންމަ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނޭ ޑޮކްޓަރ ބުންޏޭ ނަދީމްބެ ބުނީ. އަހަރެން ހިތަށް އެރީ... އަހަރެން ހިތަށް އެރީ އަނެއްކާ އަރޫ އެ ވާހަކަ ދެއްކީމަ މަންމައަށް ޝޮކެއް ލިބުނީބާއޭ." ދާއިން ބުންޏެވެ.

" އަހަރެން މި ހުރީ ދާއިން ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވެފަ. އެކަމަކު... އެކަމަކު މި ދަނޑިވަޅަކީ އެ ވާހަކަ ދެއްކުން އެންމެ ރަނގަޅު ވަގުތުކަމަށް އަހަންނަކަށް ނުފެނޭ. ދާއިން ތި ވާހަކަ ބުނީމަ އަހަރެން މިހާރު ބުނަން އުޅުނު ވާހަކަ ދާއިންގާތު ދައްކަން ބޭނުން ވެއްޖެ." އަރޫޝާ އަވަސް އަވަހަށް ބުންޏެވެ.

ދާއިން އެއްޗެއް ނުބުނެ އުޅެނިކޮށް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށީ އަރޫޝާއެވެ.

" ދާއިންއަށް އެނގޭތަ؟ ދާއިންއާ އަހަރެންގެ ގުޅުން ދާއިންގެ މަންމައާ ބައްޕައަށް މާ ކުރިން ވެސް އެނގޭ." އަރޫޝާ އެހެން ބުނުމާއެކު ދާއިންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" އަހަންނާ ދާއިން ރޭގަނޑު ބައްދަލްކުރާކަން ވެސް އެނގޭ. މަންމަމެން އަހަރެމެން ދެ މީހުން ގުޅެން ނުގަބޫލުވެގެން އަސްލު އަހަންނާ ނަދީމް ކައިވެނި ކުރުވީ. ދާއިންގެ އުޅުން ހުރި ގޮތުން އެ މީހުން އަހަރެން ދާއިންއާ ގުޅެން ބޭނުން ނުވީ." އަރޫޝާ ބުންޏެވެ.

" ކިހިނެއް އަރޫއަށް އެނގުނީ؟" ދާއިން ސުވާލު ކުރިއެވެ.

" އެ ވާހަކަތައް ދައްކާ އަޑު އިވުނީ. އަހަރެން އުޅުނީ އަޅައިނުލާ ދާން ވެގެން. ނީވޭ ކަމަށް ހަދަން ބޭނުންވީ. އެކަމަކު ވެސް ހިތުގައި ސުވާލުތައް އުފެދުނުވަރުން އަހަރެން އެ ކޮޓަރިއަށް ވަނީ. ވަދެފަ ބައިވަރު ސުވާލު ކުރިން. އެހެންވެ ކަންތައްތައް ވެ ދިޔަ ގޮތް މަންމަމެން އަހަންނަށް އޮޅުން ފިލުވައިދިނީ. އެކަމަކު... އަހަރެން ހަމަ އެތަނުން ނިކުތްތަނާ މަންމަ ހަބަރު ހުސްވެގެން ވެއްޓުނީ." އެހެން ބުނެވުނު އިރު އަރޫޝާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމަށްފަހު ދާއިން ވާހަކަ ދައްކަން ފެށީ މަޑުމައިތިރިކަމާއެކުއެވެ.

" ކޮންމެ ގޮތެއް ވިޔަސް... ދެން ކުރާނެ ކަމެއް ނެތް. މަންމަ ވެސް އަހަންނަށް ގެއްލުނީ... އިތުރަށް އެކަމާ ޝަކުވާ ކުރާކަށް ނެތިން. " އެހެން ބުނެ ދާއިން ފޯން ބޭއްވިއެވެ. އަރޫޝާ ހުރީ ދާއިންއާ ވާހަކަ ދައްކަން އިންތިހާއަށް ބޭނުންވެފައެވެ. ނަަމަވެސް ދާއިން ފޯން ކަނޑާލުމުން އިތުރަށް ގުޅާކަށް އޭނާއަކަށް ނުކެރުނެވެ.

ބޭރު ޖޯލީގައި އިނދެފައި ގޮސް ނަދީމް ކޮޓަރިއަށް ވަނުމާއެކު އެނދުމަތީގައި އިން ޒައިނާ، ކުއްލިއަކަށް ފޯނު ތިރިކޮށްލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވި ހާސްކަމުގެ ސަބަބުން ނަދީމްއަަށް އިތުރު ސަމާލުކަމެއް ދެވުނެވެ.

" އަހަރެން ވަނީމަ ފޯނު ބޭއްވީ ކީއްވެ؟" ނަދީމް އެހިއެވެ.

ޒައިނާ ހަމަޖެހޭ ގޮތް ދައްކަން މަސައްކަތްކުރި ނަމަވެސް ނަދީމް ހުރީ މިފަހަރު ދޫކޮށްލާ ގޮތަކަށް ނޫނެވެ.

" ކާކާތަ އަބަދު ތި ވާހަކަ ދައްކަނީ؟ ދީ ބަލަ ފޯނު؟" ނަދީމް އަތް ދިއްކޮށްލިއެވެ.

" އަހަރެން ވާހަކަ ދެއްކީ ފިރެހެނަކާއެއް ނޫނޭ." ޒައިނާ ބުނެލީ ނުރުހުންވެ އިނދެއެވެ.

" އަހަރެން ނުބުނަމެއްނު ޒައިނާ ފިރެހެނަކާ ވާހަކަ ދައްކަނީއޭ! އަހަރެން މި ބުނީ ފޯނު ދޭށޭ." ނަދީމް ބުންޏެވެ.

" ޝައްކު ކުރަނީތަ އަހަންނަށް؟" ޒައިނާ ބުނެލިއެވެ.

އެ ވަގުތު ނަދީމް ކުރިއަށް ޖެހިލުމަށްފަހު ޒައިނާގެ އަތުގައި އޮތް ފޯނު ދަމައިގަތެވެ. ޒައިނާގެ މޫނުމައްޗަށް އެރި ކުލަވަރުން ނަދީމް އިތުރަށް ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ.

" ޝަރޫ؟" ނަދީމްއަށް ބުނެވުނެވެ.

" ގެނޭ ފޯނު." ޒައިނާ އެނދުން ފައިބަމުން ބުނެލިއެވެ.

ވައިބާ ހުޅުވާލުމާއެކު ނަދީމްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކޮޅާކޮޅު ނުފެންނަހާ ގިނަ އަދަދަކަށް ދެ ފަރާތުން ވެސް މެސެޖް ކޮށްފައި ހުއްޓެވެ. ފޯނުގެ ސްކްރީނަށް އަވަސް އަވަހަށް ކަޅި ހިންގާލުމާއެކު ޒައިނާ އައިސް ނަދީމްގެ އަތުން ފޯނު ޖަހައިގެންފިއެވެ. އޭރު އޭނާ ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ.

" ތިއީ ހާދަ މަކަރުވެރި އަންހެނެކޭ. އަހަރެން ހިއެއް ނުކުރަން ޒައިނާ އަހަންނަށް އޮޅުވާލާނެކަމަށް." ނަދީމް ބުންޏެވެ.

" އަހަރެން ނަދީމްދެކެ ވާ ލޯބީގެ ބަދަލުގައި އަހަރެންގެ ބޮލުގައި ތި އިލްޒާމް އަޅުވަން ހެޔޮވެސް ނުވާނެ." ޒައިނާ އިސްޖަހާލުމަށްފަހު ބުނެލިއެވެ.

" ލޯތްބޭ؟ ލޯބިވާ މީހުން ތި ކަހަލަ ކުޅިވަރު ކުޅޭނެތަ؟ " މަލާމާތުގެ ރާގަކަށް ނަދީމް ހިނިގަނޑެއް ޖަހާލިއެވެ. އޭރު އޭނާ ހުރީ ރުޅިވެސް ގަދަވެއެވެ.

" ނަދީމްއަށްޓަކައި ތިމަންނަ މައިންބަފައިން ވެސް ދޫކޮށްލާފަ މިއައީއޭ ބުނެ، ތިމަންނަ ވީ ގުރުބާނީގެ ބަދަލުގައި ކައިވެނި ކުރާށޭ ބުނެ ރޮއި އާދޭސް ކުރި މީހެއް ތީ! އެކަމަކު ތި ބުނާ ޝަރޫއަކީ ޒައިނާގެ މަންމައެއް ނޫންތަ؟ އަހަންނަށް ވަގަށް އަބަދު ތި ވާހަކަ ދައްކަނީ، ޒައިނާގެ ބަހުން ދޫކޮށްލާފައި އައި މަންމައަކާ ނޫންތަ؟ ފޯނުގައި ވެސް ނަން ބަދަލުކޮށްގެން އަހަންނަށް ނޭނގޭގޮތަށް ރައްޓެއްސެކޭ ކިޔައިގެން މަންމައާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ ކީއްވެ ދޮގު ހަދައިގެން ތި އުޅެނީ؟" ނަދީމް ވާހަކަ ދެއްކީ ބާރަށެވެ.

ޒައިނާ ނަދީމްގެ ގައިގައި އަތް ޖައްސާލަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ނަދީމް ޒައިނާގެ އަތް ފޮޅުވާލައެވެ. އެތައް ފަހަރަކު ޒައިނާ ވާހަކަ ދައްކޭތޯ މަސައްކަތް ކުރި ނަމަވެސް ނަދީމް އޭނާއަކަށް އެ ފުރުސަތެއް ނުދެއެވެ. ހިތަށް އެރިހާ އެއްޗެއް އޭނާ ޒައިނާއަށް ގޮވިއެވެ.

" ނަދީމް ޕްލީޒް! އަހަރެން ދޮގެއް ނަހަދަމޭ! އެންމެ ފަހަރަކު ވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ." ޒައިނާ ބުންޏެވެ.

" ހޫމް! ބުނޭ! ކީއްވެ އޮޅުވާލައިގެން ތި އުޅެނީ؟" ނަދީމް ދެ އަތް އުރާލުމަށްފަހު ޒައިނާއަށް ބަލައިލީ ނަފްރަތުގެ ލޮލަކުންނެވެ.

" މަންމަ ވާހަކަ ދައްކަންޏާ ނަދީމް ރުޅި އައިސްދާނެތީ އަހަރެން ބިރުގަތީ. މަންމައަކާ ދަރިއަކު ވަކިވީމަ، ވާ ދެރަ ނަދީމްއަށް މިހާރު އިހްސާސް ކުރެވޭނެ. އަހަރެންގެ މަންމަ ވަރަށް ބަލި. ހިތާމަކޮށްކޮށް އެ ފަކީރު ނަފްސާނީ ބަލީގެ ޝިކާރައަކަށްވެއްޖެ. ބައްޕަވެސް މިހާރު އަހަރެންގާތު އެމެރިކާއަށް ދާން ބުނެފި. އެކަމަކުވެސް ނަދީމް ދޫކޮށްފައި ނުދާން އަހަރެން މި ހުންނަނީ. " ޒައިނާ މޫނުގައި ދެ އަތް އެޅުމަށްފަހު ރޯން ފެށިއެވެ.

އޭނާ ދެއްކި ވާހަކަތަކުން ނަދީމް ޖެހިލުންވެއްޖެއެވެ. އޭނާއާ ހެދި ބަޔަކު ތަކުލީފްތަކެއް އުފުލާކަށް އޭނާގެ ހިތެއް ނޭދުނެވެ.

" މަންމައާ ވާހަކަ ދައްކާކަން އެނގުނީމަ އަހަންނަށް އެނގޭ ނަދީމް ތި ހުރިހާ އެއްޗެއް ކިޔާނެކަން. އެހެންވެ އަހަރެން ނަން ބަދަލުކުރީ. މަންމަގެ ބަލިހާލު ހުރި ގޮތުން އަހަރެން މަންމައާ ވާހަކަ ދައްކަނީ މަންމަ ހިތްހަމަ ޖައްސަން ވެގެން. ނަދީމް! އަހަރެންގެ މަންމަ އެ ހާލުގައި ނެތި ދާކަށް އަހަރެން ނޭދެން. އަހަންނާހެދި މަންމައަށް އެ ހާލު ޖެހުނީ ވެސް. " ޒައިނާ ގިސްލަމުން އައިސް ނަދީމްގެ މޭގައި ބޯ ޖައްސާލިއެވެ.

" ސޮ...ސޮރީ! ސޮރީ! " ބޭއިހްތިޔާރުގައި ނަދީމްއަށް ޒައިނާގެ ގައިގައި އަތްޖައްސާލެވުނެވެ.

" ހަމަ އަސްލުވެސް ނަދީމް... ދެން އިތުރަށް ސިއްރުކުރާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުން މަންމަ ދެކިލަން ދާން. ނަދީމް އަހަންނަށް އެހީވެދީ! އަހަންނާއެކު ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެކޮޅަށް ހިނގައިދާނަންތަ؟ " ޒައިނާ ނަދީމްގެ މޫނަށް ބަލައިލަމުން އެދުނެވެ.

ޖަވާބު ދޭން އުނދަގޫވެފައި ނަދީމްއަށް ހުރެވުނީއެވެ. އޭރު ވެސް ޒައިނާގެ ދެ ލޮލުން ކަރުނަތައް އޮހޮރެމުން ދެއެވެ.

" ނަދީމްއާއެކު އަހަރެން އެނބުރި އަންނާނަމޭ! މަންމަ އެގޮތުގައި ނިމި ގޮއްސި ނަމަ ދުނިޔެއަށް އަހަރެން ދައްކާނީ ކޮން މޫނެއް؟ މިހާރު ނަދީމްއަށް އެނގެއެއްނު މަޔަކު ވަކިވެ ދިޔުމުން ކުރާނެ އަސަރު؟" ޒައިނާ އެހެން ބުނުމާއެކު ނަދީމް އިސްޖަހާލިއެވެ.

" އަހަރެން.... ޒައިއާއެކު ދާނަން.. އެކަމާ ހިތާމަ ނުކުރޭ... ވަރަށް އަވަހަށް ޒައިގެ މަންމައާ ބައްދަލް ވާނެ ކަމުގައި އުއްމީދު ކުރޭ." އެހެން ބުނުމަށްފަހު ނަދީމް އަވަސް އަވަހަށް ޒައިނާއަށް ފުރަގަސް ދިނެވެ. އޭރު ވެސް ޒައިނާ ހުރީ ރޮއިލަރޮއިލައެވެ.

ޖެހިގެން އައި ދުވަހު ދާއިން ޑިޔުޓީއަކަށް ނުދެއެވެ. ރޫމްގައި އުޅޭ ކުދިން، އޭނާ ކެންޓީނަށް ގެންދެވޭތޯ ވެސް ވަރަށް ވާހަކަ ދައްކާ ހެދިއެވެ. ނަމަވެސް ކެއުމެއް ބުއިމެއް ނެތި އޭނާ ހަމަ އޮތީއެވެ. ތަފާތު ވިސްނުން ތަކުން ސިކުނޑި ވަނީ ކިލަނބުވެފައެވެ. ހިތް ހީވަނީ ގާވެފައި އޮތް ހެންނެވެ. ހަށިގަނޑުގައިވަނީ ވަރުބަލިކަމެވެ. ދުނިޔެއަކީ އުފަލާ ހިތްހަމަޖެހުން ލިބިގެންވާ ތަނެއް ނޫނޭ އެތައް ފަހަރަކު އޭނާގެ ހިތަށް އެރިއެވެ.

ކައިރީގައި އޮތް ފޯނު ރިންގްވާން ފެށުމުން ދާއިން ބަލައިލިއެވެ. ގުޅަނީ އާބިދެވެ. ރޭ ވެސް އާބިދުއާ މެސެޖުން އެތައް އިރެއް ވަންދެން ދާއިން ވާހަކަ ދެއްކިއެވެ. އެހެންވެ، އާބިދުއާ އިތުރަށް ވާހަކަ ދައްކަން ބޭނުންވެގެން އޭނާ އެހާމެ އަވަހަށް ފޯނު ވެސް ނެގިއެވެ.

" ދާއިން ބައްޕައަށް ގުޅައްޗޭ! ބައްޕަ ވަރަށް އެކަނިވެރިވާނެ މިހާރު." އާބިދު ފުރަތަމަވެސް ވާހަކަ ދެއްކީ ބައްޕައާ ބެހޭ ގޮތުންނެވެ.

" ބައްޕަ ވަރަށް ހިތްވަރުގަދަ. ގުޅީމަ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިގެން. ހީވަނީ އަހަރެމެން ދެރަވެދާނެތީ ބައްޕަ ގޮތް ދައްކަނީ ހެން. އެކަމަކު ވެސް އަހަރެން މިއަދު ދެ ފަހަރު ގުޅިން." ދާއިން ބުނެލިއެވެ.

" އަރޫއަށް ގުޅިންތަ ފަހުން؟" އަރޫޝާގެ ނަން ބުނުމާއެކު ދާއިންގެ ހިތަށް އުނދަގޫ ވެއްޖެއެވެ.

" ނޫން. އަހަރެމެންނަކީ ރައްޓެހިންނެއް ނޫނެއްނު އަބަދު ގުޅަން. " ދާއިން ބުނެލިއެވެ.

" ނަދީމްއާއެކު އުޅެން ބޭނުން ނުވަންޏާ ވަރިވާން ބުނޭ! " އާބިދު ބުންޏެވެ.

އެއާއެކު ދާއިންއަށް ޖަހައިލެވުނީ ކުރު ހިނިގަނޑެކެވެ.

" ނަދީމްބެ މިހާރު އަރޫދެކެ ލޯބިވެޔޯ. އޭނަ ވަރިއެއް ނުކުރާނެޔޯ އަރޫ ބުނީ. އަރޫ ބުނި ނަދީމްބެ މިހާރު ޒައިނާދެކެ ލޯތްބެއް ވެސް ނުވެޔޯ. " ދާއިން އެހެން ބުނުމުން އާބިދުއަށް ލިބުނީ ހައިރާންކަމެވެ.

" ކިހިނެއް ތިވީ؟ ތީ ހާދަ ހެއްވާ ގޮތެކޭ؟ ދެން ނަދީމްއަށްޓަކައި އަނެއްކާ އަރޫ ލޯބި ނުވާ މީހަކާ އެކު އުޅެންވީ؟" އާބިދު ބުންޏެވެ.

" އާނ ދެން އެހެންތާ އެ ވަނީ؟ އަހަރެންގެ ކޮން ބާރެއް އޮތީ؟" ދާއިންއަށް ބުނެވުނީ ފޫހިކަމާއެކުއެވެ.

" ލޯތްބަށްޓަކައި ފައިޓު ކުރޭ!" އާބިދު ބުންޏެވެ.

އެއާއެކު ދާއިންއަށް އަނެއްކާ ވެސް ޖަހައިލެވުނީ ހިނިގަނޑެކެވެ.

" ފައިޓު ކުރެވުނީސް އެއީ އާބިދު ނަމަ. އެއްބަނޑު އެއްބަފާ ބޭބެޔާ ކިހިނެއް މަ ފައިޓު ކުރާނީ؟ " ދާއިން ބުންޏެވެ.

ދާއިންގެ ސުވާލުން އާބިދު ހުއްޓުން އެރިއެވެ. ދާއިންގެ ހާލަތު ވަޒަން ކުރެވުމާއެކު މި ފަހަރު ހަމަ ރަނގަޅަށް ވެސް އާބިދުއަށް ވެސް ހަދާނެ ގޮތް ހުސްވި ކަހަލައެވެ.

ޒައިނާ އިނީ ނަދީމް ބޭރަށް ނުގޮސްގެންނެވެ. ބޭރަށް ނިކުމެލަނީއޭ ބުނެ ނަދީމް ތެދުވުމާއެކު ޒައިނާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

" ފެންވަރާލައިގެން އަހަރެން ވެސް އެބަ ނިކުންނަން." ޒައިނާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

އެއްޗެއް ނުބުނެ ނަދީމް ނިކުތުމާއެކު ޒައިނާ ކޮޓަރި ތަޅުލިއެވެ. އަދި އަވަސް އަވަހަށް އަތުގައި އޮތް ފޯނަަށް ބަލައިލިއެވެ.

" ދަރިފުޅު ހަބަރެއް ނުވެގެން މަންމަ ހާސްވެފައޭ މި ހުންނަނީ." ޒައިނާގެ މަންމަ ޒުހުދާ ބުންޏެވެ.

" އަހަރެން މި ހުންނަނީ މަންމައަށް ގުޅާހިތުން ކެތްމަދުވެފައޭ! އުފާވެރި، ވަރަށް އުފާވެރި ހަބަރެއް ދޭން ވެގެން." ޒައިނާ ވާހަކަ ދެއްކީ ފުޅާ ހިނިތުންވުމެއްގައި ހުރެއެވެ.

" ބައްޕަ ކައިރިއަށް ގޮސް ފޯނު ސްޕީކަރަށް ލައިބަލަ! އަހަރެން ބޭނުންވަނީ ބައްޕައާ މަންމައާ ދެ މީހުންނަށް އެއްފަަހަރާ މި ވާހަކަ އަޑުއިއްވަން." ޒައިނާ ބުނެލިއެވެ.

" ހޫމް. ބައްޕަ މި އިންނެވީ މިތާ! ދެން އަވަހަށް ބުނެބަލަ." ޒުހުދާ ކެތްމަދުވެފައި އިނދެ ސުވާލު ކުރިއެވެ.

" ބައްޕާ! އަޅުގަނޑު ވަރަށް ވަރަށް އަވަހަށް ތިކޮޅަށް ދާނަން. ނަދީމް ގޮވައިގެން." ޒައިނާ ބުނެލިއެވެ.

އެއާއެކު މަހުދީއަށް ބާރު ހިނިގަނޑެއް ޖަހާލިއެވެ.

" ދަރިފުޅަށް ހަމަ ސާބަސް! ދަރިފުޅު ތިކަން ތި ކާމިޔާބު ކުރީ ބައްޕަ ހީވެސް ނުކުރާހާ އަވަހަށް! އަވަހަށް އާދޭ! ނަދީމް މިކޮޅަށް އައުމަށްފަހު ދެން ރާއްޖެ ދެވުމަކީ ނާދިރުކަމެއް. " މަހުދީ އެހެން ބުނުމާއެކު ކައިރީގައި އިން ޒުހުދާ ބާރަށް ހޭންފެށިއެވެ.

" ލައްބަ. ދާހިތުން މިހާރު ހުރެވެނީކީ ނޫން. އެކަމަކު ދިޔުމުގެ ކުރިން އަރޫޝާ ވަރިކުރުވަން ބޭނުން." ޒައިނާ ބުނެލީ ދަތްތަކަށް ބާރުލަމުންނެވެ.

" ތިކަން ކުރަން މިހާރު އުޅޭނެކަމެއް ނެތް. މިކޮޅަށް އޭނަ ގެނޭ! އޭރުން އެކަން ވެސް ވާނެ." މަހުދީ ބުންޏެވެ.

ޒައިނާ ފޯނު ބޭއްވީ އުފަލުން ހުރެއެވެ.

ދެ ފަހަރަކު ޓަކި ޖަހާލުމާއެކު އަރޫޝާ ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރި ނަދީމް ފެނި، އަރޫޝާ ކޮންމެވެސް ވަރަކަށް ޖެހިލުންވީކަން ނަދީމްއަށް ފާހަގަ ކުރެވުނެވެ.

" ކޮބާ ޒަައިނާ؟" އަރޫޝާ އެހިއެވެ.

އެއާއެކު ނަދީމްއަށް ޒައިނާގެ ކޮޓަރިއާ ދިމާލަށް ބަލައިލެވުނެވެ.

" ފެންވަރަނީ! އެހެން ނޫނަސް އަހަރެން މި ކޮޓަރިއަށް ވަންނަން ޖެހެނީ ޒައިނާގެ ހުއްދަ ލިބިގެންތަ؟ ތިއީ މަގޭ ހަލާލު އަނތްބެއްނު." ނަދީމް ބުންޏެވެ.

އެއާއެކު ނަދީމް އެތެރެއަށް ވަންނަން އަރޫޝާ ޖާގަ ދިނެވެ. އަދި ނަދީމްއަށް ފުރަގަސްދިނެވެ.

" އިއްޔެ އެއްނު ކައިވެނި ކުރީ ވެސް. މިއަދު މި ކޮޓަރިއަށް އައީމަ ޒައިނާ ހިތްހަމައެއް ނުޖެހޭނެ." އަރޫޝާ ބުންޏެވެ.

އެއާއެކު އޭނާއަށް އިވުނީ ކޮޓަރީގެ ތަޅަށް ފިތާލި އަޑެވެ. އެއާއެކު އަރޫޝާގެ ހިތަށް ބިރުވެރިކަން ވެރިވެ، މީހާ ހާސްވެއްޖެއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ފަހަތުން އައިސް ނަދީމް އަރޫޝާގެ ދެ އަތުގެ މުލައްދަނޑީގައި އަތްޖައްސާލުމުންނެވެ.

" މީހަކު ހިތްހަމަ ނުޖެހުނަސް އަހަންނަކަށް ހިއެއް ނުވެ އަރޫއާ ދުރަށް ދެވިދާނެ ހެންނެއް." ނަދީމް ބުންޏެވެ.

އޭނާ އަރޫޝާގެ ހަށިގަނޑު އޭނާގެ ގައިގައި ޖައްސާލިއެވެ. އެއާއެކު އަރޫޝާއަށް ތެޅިގަނެފައި ދުރަށް ދެވުނެވެ.

" ކިހިނެއްވީ؟ ހާދަ ހާސްވީ؟ އަހަންނަށް މި ކުރެވުނީ ކުށެއްތަ؟" ނަދީމްއަށް ސުވާލުތައް އެއް ފައްޗަކަށް އަމުނާލެވުނެވެ. އެއާއެކު އަވަސް ހަރަކާތްތަކާއެކު އަރޫޝާއަށް ދެ އަތުން އިސްތަށިގަނޑު ރީތި ކޮށްލެވުނެވެ. އަވަސް އަވަހަށް ނޭވާތައް ބޭރުވާން ފެށީ އޭނާ ހާސްވާވަރުންނެވެ. ދޭނެ ޖަވާބެއް ނޭނގި އޭނާއަށް ދުރަށް ބަލަން ފެށުނެވެ.

" ބުނެބަލަ! އަހަންނާހެދި އުނދަގޫވަނީތަ؟އަހަރެން ބުނީމެއްނު އަރޫދެކެ ލޯބިވެޔޭ! ދެން މިއީ މައްސަލައެއްތަ؟" ނަދީމް އަރޫޝާއާ ދިމާލަށް ހިނގައިގަތެވެ.

" އުނ؟ ކީ...ކީކޭ؟" ސިހިފައި އަރޫޝާއަށް ބުނެވުނީ ނަދީމް އަންނަތަން ފެނިގެންނެވެ.

" އަރޫ؟ ހާދަ ވަރަކަށް ކަންބޮޑުވަނީ؟ އަހަންނަކީ އަރޫގެ ފިރިމީހާއޭ! ކޮންކަމަކާ ތި ބިރުގަންނަނީ؟ ޒައިނާ ދެކެތަ؟" ނަދީމް އައިސް މި ފަހަރު ހިފީ އަރޫޝާގެ އަތުގައެވެ. އޭރު އަރޫޝާގެ މޫނުން އޮށްދާ ހިއްލަން ފަށައިފިއެވެ.

" އަހަރެން... އަހަރެން... އަދި އެހާ އޯކޭއެއް ނޫނޭ. މަންމަ ނިޔާވީމަ އަހަންނަށް އަބަދު އެކަމާ ވިސްނެނީ. ހަނދާންވަނީ..މާ ގިނައިން ރޮވުނީމަ ވަރަށް ބޮލުގައިވެސް ރިއްސާ! ފާޑާކަށް ހުން އައިސް ހުންނަހެން ހީވަނީ." އާގަންނަމުން ކަހަލަ ގޮތަކަށް އަރޫޝާ ވާހަކަ ދެއްކިއެވެ.

އޭރު ނަދީމް ހުރީ ފަރުވާތެރިކަމާއެކު އަރޫޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)