ބޮޑު ތަރުހީބަކާއިއެކު ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މޫދު ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދެއެވެ.
މި ޕްރޮގްރާމަކީ އުތީމު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ރަށުގައި މި ޕްރޮގްރާމް ފަށާފައި ވަނީ މި މަހު ދިހަވަނަ ދުވަހުއެވެ. ޖުމްލަ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގެ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން އާންމުން އެކަމަށް ހޭލުންތެރިކުރުވައި ދުޅަހެޔޮކަން މަތީ ތިބުމަށް ބާރުއެޅުން ކަމަށެވެ.
މި ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމަށް އެ ރަށު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ޕްރޮގްރާމުގައި އެ ރަށުން 123 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!