ސީރިއާގެ ކުރީގެ ޖަލު އޮފިސަރަކަށް އެމެރިކާގައި ދައުވާ އުފުލައިފި

Screenshot 2024-12-13 233248

ސީރިއާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމުގައި ޖަލެއް ބެލެހެއްޓި ކުރީގެ އަސްކަރީ އޮފިސަރަކަށް އެމެރިކާގައި ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލައިފިއެވެ.

ސީއެންއެންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 72 އަހަރުގެ ސަމީރު އުސްމާން އަލް-ޝެއިޚްގެ މައްޗަށް އަނިޔާކުރުމާއި އަނިޔާކުރުމަށް ރޭވުމުގެ ދައުވާ ފެޑެރަލް ގްރޭންޑް ޖޫރީއަކުން ކޮށްފައިވާކަމަށް ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވެއެވެ.

2005 އާއި 2008 އާ ދެމެދު ދިމިޝްޤްގެ އަދްރާ ޖަލު ބެލެހެއްޓި އަލް-ޝެއިޚް ހައްޔަރުކޮށްފައިވަނީ ޖުލައި މަހު ލޮސް އެންޖެލެސް އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އޭނާގެ މައްޗަށް އިމިގްރޭޝަން ފްރޯޑުގެ ތުހުމަތުތަކެއްވެސް ކުރެވެއެވެ. އެއީ އެމެރިކާގެ ވިސާ އަދި ރައްޔިތެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހެޅި ފޯމުތަކުގައި ޖަލުގައި އަދާކުރި ދައުރު ފޮރުވިކަމަށް ބެލެވޭތީއެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އޭނާ ސީރިއާގެ ޖަލު ނިޒާމުގައި އަދާކުރި ދައުރު ފޮރުވައި، ގައިދީންނަށް އަނިޔާކުރިކަން ދޮގުހަދައި އިންކާރުކޮށްފައިވެއެވެ.

މި ދައުވާތައް ބިނާވެފައިވަނީ އަލް-ޝެއިޚް ގައިދީންނަށް އަނިޔާކުރުމަށް އަމުރުކުރުމާއި އަނިޔާކުރުމުގައި ބައިވެރިވިކަމަށް ކުރެވޭ ތުހުމަތުތަކުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ގައިދީންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދިންކަމަށެވެ. ބައެއް ގައިދީންނަށް ގަދަ ވޭން ލިބޭ އަދި ނާރުތަކަށް ގެއްލުން ލިބޭގޮތަށް ފަރުމާކޮށްފައިވާ އާލާތެއް ބޭނުންކޮށްގެން އަނިޔާކުރިކަމަށްވެސް ތުހުމަތުކުރެވެއެވެ.

ކުށް ސާބިތުވެއްޖެނަމަ، އަލް-ޝެއިޚްއަށް ކޮންމެ އަނިޔާކުރުމުގެ ދައުވާއަކަށް 20 އަހަރާ ހަމައަށް ޖަލަށްލެވިދާނެއެވެ. އަދި އިމިގްރޭޝަން ފްރޯޑަށް އިތުރު 10 އަހަރު އިތުރު ކުރެވިދާނެއެވެ.

އޭނާގެ ވަކީލު، ނީނާ މަރީނޯ، މި ތުހުމަތުތައް ދޮގުކޮށް، މިއީ "ސިޔާސީ ބޭނުމަށް" ކުރެވޭ ދައުވާތަކެއް ކަމަށް ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޑިސެމްބަރު 8 ގައި އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، ވެރިކަމާ ދެކޮޅު ގްރޫޕްތަކުން އެތައް ހާސް ގައިދީން މިނިވަންކުރުމާ ގުޅިގެންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *