ހުޅުމާލޭ ފޭސް2 ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގެ 13 ވަަނަ ފުލޯއިން 15 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ ދަންވަރު 1:30 ހާއިރު އެވެ.

Ad
rt

ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި، ވެއްޓުނު ކުއްޖާއަކީ ސްކޫލު ކުއްޖެއް ކަމަށް ބެލެވެއެވެ. އެ ކުއްޖާ ލައިގެން ހުރީ ހިރިޔާ ސްކޫލުގެ ލޯގޯ ޖަހާފައިވާ ޓްރެކްސޫޓެކެވެ.

"ވަރަށް ބާރު އަޑެއް އިވުނު. ދެން ބަލައިލިއިރު ކުއްޖަކު ވެއްޓިފައި އޮތީ," އެ ސަރަހައްދުގައި ހުރި އެހެން މީހަކު ބުންޏެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެމްބިއުލާންސްގައި ކުއްޖާ ގެންދިޔަ މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުގައިވާ ގޮތުން، އެ ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވެއެވެ. ނަމަވެސް، އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ މިންވަރު މި ވަގުތު ސާފުވެފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ފުލުހުންގެ ފަރާތުން މި ވަގުތާ ހަމައަށް ހާމަކޮށްފައެއް ނުވެއެވެ.