ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް، އެ ގައުމުގައި މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަމަނުޖެހުމުގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވާފައިވާ ކަމަށް ބުނެ ޗައިނާއިން އެ ބޭފުޅާއަށް ހަރުކަށި އިބާރާތުން ފާޑުކިޔައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގ ވިދާޅުވީ ރައީސް ޔޫންގެ ބަޔާނާމެދު ޗައިނާ ވަރަށް ބޮޑަށް ކަންބޮޑުވެ ހައިރާންވެފައިވާ ކަމަށެވެ. އަދި ދެކުނު ކޮރެއާގެ އެތެރޭގެ ކަންކަމާ މެދު ޗައިނާއިން އެއްވެސް ބަހެއް ނުބުނާނެ ކަމަށާއި، ނަމަވެސް އެތެރޭގެ މައްސަލަތައް ޗައިނާއާ ގުޅުވުމާއި، އަސާސެއް ނެތް ގޮތުގައި ޗައިނާގެ ޖާސޫސުންގެ ވާހަކަ ދެއްކުމާއި، އާންމު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކަށް އުނިކަން ގެނައުމާ މެދު ޗައިނާއިން ހަރުކަށި އިބާރާތުން ދެކޮޅު ހަދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔޫން ވިދާޅުވެފައިވަނީ ބައެއް ޗައިނާގެ ރައްޔިތުން ބުސާން ބަނދަރުގައި އޮތް އެމެރިކާގެ ބޯޓަކަށް ޑްރޯން އުދުއްސައި ވީޑިއޯ ނަގާފައިވާ ކަމަށާއި، އަދި އިންޓެލިޖެންސް އޭޖެންސީއަށްވެސް ޑްރޯނުން ވީޑިއޯ ނަގާފައިވާ ކަމަށެވެ. ދެކުނު ކޮރެއާއަކީ އެމެރިކާގެ މުހިންމު ބައްރެއް ކަމަށާއި، 28،500 އަށް ވުރެ ގިނަ އެމެރިކާ ސިފައިން އެ ގައުމުގައި ތިބޭ ކަމަށް ރައީސް ޔޫން ފާހަގަކުރެއްވިއެވެ.
ރައީސް ޔޫން ވިދާޅުވީ އިދިކޮޅު ޕާޓީން ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެފައިވާތީ މާޝަލް ލޯ އިއުލާނުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް މި ނިންމުމާ ދެކޮޅަށް ޕާލިމަންޓުގެ 300 މެންބަރުންގެ ތެރެއިންގެ ތެރެއިން 190 މެންބަރުން ވޯޓުދީފައިވެއެވެ. އަދި ޖާސޫސުންނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތްކުރި ނަމަވެސް އިދިކޮޅު ޕާޓީން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ރައީސް ޔޫން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!