އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޭގޮތަށް އެ ދެކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހުތައް ހިމެނޭ ބިލުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަޞްދީޤުކުރައްވައިފިއެވެ.

އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އެންޓި ކޮރަޕްޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ.

Ad
rt

އީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކެލާ ދާއިރާގެ މެންބަރު ޢަބުދުﷲ ޝަރީފް އެވެ.

މަޖިލީހުގެ ތަޅުމުން މި ދެ ބިލު ފާސްކުރީ 2024 ނޮވެންބަރު 25 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާގައެވެ.

މި ދެ ބިލު ވެސް މަޖިލީހުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހުގައި ވާގޮތުން، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބުރައީސެއް ޢައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބުރައީސަކު އައްޔަންކުރާނީ، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއްގެ ނަން ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ނުވަތަ މީހުންނެވެ.

އެހެންނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބުރައީސްގެ މަޤާމަށް ޢައްޔަންކޮށްފައިވާ މެންބަރުން، ޤާނޫނުގައިވާ ގޮތުގެމަތިން މަޤާމުން ވަކިވަންދެން އެ މަޤާމުގައި ދެމިތިބޭނެއެވެ.

މި އިޞްލާޙުގެ ދަށުން، ކޮމިޝަނުގެ ރައީސް ނުވަތަ ނައިބުރައީސް އިސްތިޢުފާ ދިނުމުގެ އިޖުރާޢަތްތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ކޮމިޝަނުގެ ރައީސް އަދި ކޮމިޝަނުގެ ނައިބުރައީސް މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެ ނަމަ، އިސްތިޢުފާގެ ސިޓީ ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި ޤާނޫނުތަކަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނުތައް ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންކަމަށް ޤާނޫނުތަކުގައި ބަޔާންކޮށްފައިވުމާއެކު، އިއްޔެއިން ފެށިގެން މި އިސްލާޙްތަކަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.